ދައުލަތުގެ ޕޭ ފްރޭމްވޯކްގެ މިންގަނޑުތަކުގެ ދަށުން ޖަމާއަތްތެރިންނަށް ހާއްސަ މާލީ އިނާޔަތެއް ކަނޑައަޅައި، އެކަމާ ގުޅޭ އުސޫލު ސަރުކާރުން މިއަދު އާންމުކޮށްފިއެވެ.
މި މިންގަނޑުގެ ދަށުން ޖަމާއަތްތެރިންގެ ގޮތުގައި ބަލާނީ ދައުލަތުގެ ޕޭ ފްރޭމްވާކްގައި ހިމެނޭ ޖަމާއަތްތެރިންގެ ޖޮބް މެޓްރިކްސްގައި ހިމެނޭ މަގާމުތަކަށެވެ.
އަލަށް ކަނޑައެޅި އިނާޔަތްތަކުގެ ތެރޭގައި "ޖަމާއަތްތެރިންގެ ކޮންޓިނިއުޓީ އެލަވަންސް" ހިމެނެއެވެ. މިއީ ޖަމާއަތްތެރިންގެ މަސައްކަތްތައް ރޭވިފައި ހުންނަ ގޮތުން ދައުލަތުގެ ޕޭ ފްރޭމްވޯކްގައި ކަނޑައަޅާފައިވާ މަސައްކަތު ގަޑި ފުރިހަމަކުރުމަށްފަހު، އެދުވަހެއްގެ މަސައްކަތްތައް ފުރިހަމަ ކުރުމަށްޓަކައި މަސައްކަތުގައި ހޭދަކުރަންޖެހޭ މުވައްޒަފުންނަށް ދޭ އެލަވަންސެކެވެ. މި އެލަވަންސްގެ ގޮތުގައި ކަނޑައަޅާފައިވަނީ ދުވާލަކަށް 200 ރުފިޔާއެވެ.
ފިނޭންސް މިނިސްޓްރީން ހާމަކުރި ގޮތުގައި، ޖަމާއަތްތެރީންގެ މަސައްކަތަކީ ކިފާއަތުގެ ފަރުޟެއް އަދާކުރުން ކަމުގައިވާތީ، އެ ފަރާތްތަކުގެ މުސާރައާއި އިނާޔަތް ކަނޑައަޅާފައިވަނީ އެ މުހިންމު ކަމަށް ރިއާޔަތްކޮށްގެންނެވެ. އެހެންކަމުން، މި މުވައްޒަފުންގެ މަސައްކަތު ވަގުތު ކަނޑައަޅަންވާނީ އާންމު އެހެން މުވައްޒަފުންނާ ތަފާތުކޮށް ކަމަށްވެސް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
އާ އުސޫލުގައިވާ ގޮތުން، ޖަމާއަތްތެރިންގެ މަގާމުގެ ޒިންމާތައް އަދާކުރާ ވަގުތަކީ މަސައްކަތުގެ ވަގުތުގެ ގޮތުގައި ބެލެވޭނެއެވެ. އަދި މިކަމުގެ ތަފްސީލުތައް ކަނޑައަޅާނީ ކަމާގުޅޭ އިދާރާތަކާއި ސިވިލް ސާވިސް ކޮމިޝަނާ ގުޅިގެންނެވެ. މީގެ އިތުރުން، ޖޮބް މެޓްރިކްސްގައި ކަނޑައަޅާފައިވާ ހާޒިރީ އިނާޔަތް، މަސައްކަތަށް ހާޒިރުވާ ކޮންމެ ދުވަހަކު ދޭންޖެހޭނެއެވެ.
މި އިނާޔަތް ދިނުމުގައި ބަލާނެ މިންގަނޑެއްގެ ގޮތުން، މަސައްކަތުގެ ވަގުތުގެ ގޮތުގައި ކަނޑައަޅާ ވަގުތުގެ ދެބައިކުޅައެއްބައި ވަގުތު ހިދުމަތް ކޮށްފިނަމަ، އެއިން ކޮންމެ ދުވަހަކަށްވެސް ހާޒިރީ އިނާޔަތް ލިބޭނެ ކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.










