ދިވެހިރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން 4 ލައްކަ ގަސް އިންދައިފި ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު، ތޯރިގު އިބްރާހިމް، ވިދާޅުވެއްޖެއެވެ.
މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިންތިޚާބީ ވަޢުދުފުޅުތެރެއިން 2023 ވަނަ އަހަރުގެ ޖޫން މަހުގެ 5 ވަނަ ދުވަހު ފައްޓަވާފައިވާ މަޝްރޫޢެކެވެ. މި މަސައްކަތުގައި ރަށު އަދި އަތޮޅު ކައުންސިލްތަކާއި، އަމިއްލަ ކުންފުނިތަކާއި، އަދި މަދަނީ ޖަމްޢިއްޔާތައް ވަނީ ޝާމިލުވެފައިވާކަން ފާހަގަކޮއްލެވެއެވެ.
" މިހާތަނަށް ދިޔައިރު ހަތަރު ލައްކަ ގަސް އިންދިފައި މި ވަނީ މި ޕްރޮގްރާމްގެ ތެރެއިން، އަޅުގަނޑުމެން ދަންނަވާނީ މި ޕްރޮގްރާމަކީ އަޅުގަނޑުމެންނަށް އެޗީވް ކުރެވޭނެ ލަނޑުދަޑިއެކޭ،". ވަޒީރު ޕީއެސްއެމްއަށް ދެއްވި އިންޓަވިއުގައި ވިދާޅުވިއެވެ.
ވަޒީރު ތޯރިގު އިތުރަށް ހާމަކުރެއްވި ގޮތުގައި، މިހާތަނަށް 1.4 މިލިއަން ގަސް އިންދުމަށް އެކި ފަރާތްތަކުން ވަނީ އެއްބަސްވެފައެވެ. އަދި އިންދާ ގަސްތައް ބެލެހެއްޓުމަށްޓަކައި ޚާއްޞަ ޔުނިޓެއް ޤާއިމުކުރުމަށް ވަނީ ނިންމާފައި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި މަޝްރޫޢަކީ ކޮޕް28 ބައިނަލްއަޤްވާމީ މަހާސިންތާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރެއްވި މަޝްރޫޢެކެވެ. މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ޤައުމު ތަރައްޤީކުރުމެވެ.



