ތަވައްކުލަކީ އިސްލާމީ ޝަރީޢަތުގައި ވަރަށް މުހިންމު މަފްހޫމެކެވެ. އޭގެ މައިގަނޑު މާނައަކީ "މާތްﷲ ސުބުޙާނަހޫ ވަތަޢާލާއަށް ފުރިހަމައަށް އިތުބާރުކުރުމާއި، އެކަލާނގެއަށް ޝަރުޠަކާ ނުލައި ބަރޯސާވުން" އެވެ. މިއީ އެކަލާނގެ ނިންމަވާ ކޮންމެ ނިންމެވުމަކާއި ނުވަތަ އިރާދަފުޅުތަކާއި އެއިން އަންނަ ކޮންމެ ނަތީޖާއެއް، އެއީ ކޮންމެ ގޮތަކަށް ވިޔަސް ޤަބޫލުކުރުމުގެ މަތިވެރި ސިފައެވެ.
އިންސާނީ ދިރިއުޅުމުގައި ތަފާތު ގޮންޖެހުންތަކާއި އުނދަގޫ ހާލަތްތަކާ ކުރިމަތިލާން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް، މުއުމިނުންގެ ހައިސިއްޔަތުން އަޅުގަނޑުމެން މިފަދަ ކަންކަމާ ކުރިމަތިލާންވާނީ ވަރުގަދަ ޢަޒުމަކާއެކު، މާތް ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ފުރިހަމައަށް އީމާންވެ ހުރެގެންނެވެ. މިއީ ތަވައްކުލުގެ ޙަޤީޤީ މަފްހޫމެވެ( މާނަ). އެހެންކަމުން، ތަވައްކުލަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ ހުރިހާ ދާއިރާއެއްގައި މާތް ﷲ އިތުބާރުކުރުމުގެ ޢަޤީދާއާއި، އެކަމާމެދު އަޅުގަނޑުމެން ގެންގުޅޭ އަމަލީ ސިފައެވެ.
ކީރިތި ޤުރުއާނުގެ ސޫރަތުއް ޠަލާޤުގެ 3 ވަނަ އާޔަތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ: "އަދި ތިޔަބައި މީހުން ހީވެސް ނުކުރާ ގޮތަކުން ތިޔަބައިމީހުންނަށް ރިޒުޤު ދެއްވާނެތެވެ. އަދި ﷲ ތަވައްކުލުކުރާ މީހާއަށް އެކަލާނގެ ފުދިވޮޑިގެންވެއެވެ. ހަމަކަށަވަރުން، ﷲ އެކަލާނގެ އަމުރުފުޅު ފުއްދަވާ ހުއްޓެވެ. ހަމަކަށަވަރުން، ތިމަން ރަސްކަލާންގެ ކޮންމެ އެއްޗަކަށްވެސް މިންވަރެއް ލައްވާފައިވެއެވެ." މި މަތިވެރި އާޔަތުން އަޅުގަނޑުމެންނަށް އިރުޝާދު ލިބިގެންދަނީ، ކޮންމެ ޙާލަތެއްގައިވެސް ﷲ ފުރިހަމައަށް އިތުބާރުކޮށް، އެކަލާނގެއަށް ބަރޯސާވުމަށެވެ. އެހެނީ އެކަލާނގެއީ އެންމެ މޮޅު ރިޒުޤުދެއްވާ ފަރާތެވެ. އަދި އަޅުގަނޑުމެންގެ ދަތި އުނދަގޫ އެންމެ މޮޅަށް ދެނަވޮޑިގެންނަވާ ރަސްކަލާންގެއެވެ.
މާތްﷲގެ އިރާދަފުޅާ ނުލައި އެއްވެސް ކަމެއް ނުހިނގާނެކަން އަޅުގަނޑުމެން ޤަބޫލުކުރުމަކީ ލާޒިމު ކަމެކެވެ. އަޅުގަނޑުމެން ﷲއަށް އީމާންވާނަމަ، އެއީ އަޅުގަނޑުމެންގެ އީމާންކަން އެކަލާނގެއަށް ސާބިތުވެގެންވާކަން ދަލީލުކޮށްދޭ ކަމެކެވެ. އެހެންކަމުން، ތަވައްކުލަކީ އީމާންކަމުގެ މުހިންމު ރުކުނެއްކަމުގައި ދެންނެވިދާނެއެވެ. މިކަން ކީރިތި ޤުރުއާނުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ:
"ހަމަކަށަވަރުން، އީމާންވެގެންވާ މީހުންނަކީ، އަﷲގެ ނަންފުޅު ޒިކުރުކުރެވޭ ހިނދު، އެމީހުންގެ ހިތްތަކަށް ބިރުވެރިކަން އަންނަ މީހުންނެވެ. އަދި އެކަލާނގެ އާޔަތްތައް އެމީހުންނަށް ކިޔަވައިދެވޭ ހިނދު، އެމީހުންގެ އީމާންކަން އިތުރުވެގެންދާ މީހުންނެވެ. އަދި އެމީހުންގެ ވެރިރަސްކަލާނގެއަށް ތަވައްކުލުކުރާ މީހުންނެވެ." (އަލްޤުރުއާނުލް ކަރީމް، ސޫރަތުލް އަންފާލް، 8:2)
ތަވައްކުލަކީ އަޅުގަނޑުމެންގެ ހިތްތަކަށް ލިބޭ ރޫޙާނީ އަލިކަމެކެވެ. އަދި އެއީ އެހެން އެއްވެސް ކަމަކަށް ނުލިބޭފަދަ ގޮތަކަށް މާތްﷲ އަށް ކިޔަމަންތެރިވުމަށް މަގުފަހިކޮށްދޭ މުހިންމު ވަސީލަތެކެވެ. މި މާތް ސިފައިގެ މައިގަނޑު ދެ ރުކުނަކީ، މާތް ﷲ އަށް ފުހިމައަށް އިތުބާރު ކުރުމާއި އެކަލާގެއަށް ފުރިހަމައަށް ބަރޯސާވުމެވެ.
ތަވައްކުލުގެ ފައިދާތައް
އިންސާނާގެ ދިރިއުޅުމުގައި ކޮންމެފަދަ ދަތިކަމެއް ނުވަތަ ހިތާމައެއް ކުރިމަތިވިޔަސް، އެކަމެއް ކެތްތެރިކަމާއެކު ބަލައިގަތުމަކީ މުހިންމު ކަމެކެވެ. މިފަދަ ދަތި ޙާލަތްތަކާ ކުރިމަތިލާއިރު ހިތްވަރާއި ޢަޒުމު ވަރުގަދަކޮށް ހިފެހެއްޓުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. ﷲ ތަޢާލާގެ މައްޗަށް ފުރިހަމައަށް ތަވައްކުލުކުރުމާއެކު، ވަރުގަދަ އީމާންކަމެއް ގެންގުޅުމަކީ މިފަދަ ޙާލަތްތަކުގައި އެންމެ މުހިންމު އެއް ކަމެވެ. މިކަމުން ދޭހަވަނީ ކޮންމެ ކަމެއްގައިވެސް ވަނީ ﷲ ގެ އިރާދަފުޅުކަމާއި، އެކަމަކާ ދެކޮޅުހެދުމުގެ ބާރު އިންސާނުންނަކަށް ލިބިގެން ނުވާކަމެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ އަޅުތަކުންގެ ޒިންމާ ވަކި މިންވަރަކަށް ކަނޑައަޅުއްވާފައެވެ. މިއީ އެކަލާނގެ ރަޙްމަތްފުޅުގެ ނިޝާނެކެވެ. މިކަން ކީރިތި ޤުރްއާނުގެ އާޔަތެއްގައި ބަޔާންކުރައްވާފައިވެއެވެ. " ﷲ އެއްވެސް ނަފްސަކަށް އޭގެ ކުޅަދާނަވެގެންވާ މިންވަރަށްވުރެ ބޮޑު ބުރައެއް ނުޖައްސަވައެވެ." (އަލްބަޤަރާ: 286)
އަޅުގަނޑުމެންގެ ދިރިއުޅުމުގައި ކޮންމެ ކަމެއް ދިމާވިޔަސް، އެކަލާނގެ ރަޙްމަތްފުޅާއި އިރާދަފުޅުން އެކަމެއް ނިމުމަކަށް އަންނާނެކަމަށް ﷲ އަށް ފުރިހަމައަށް އީމާންވުމަކީ ކޮންމެ މުސްލިމެއްގެ ވާޖިބެކެވެ. މިގޮތުން، ކޮންމެ ދަތިކަމަކީވެސް ފަސޭހައަކަށް ބަދަލުވެގެންދާނެ ކަމެއްކަން ޔަޤީންކުރަންވާނެއެވެ.
ތަވައްކުލަކީ އަޅުގަނޑުމެންނަށް އެންމެ ބާރުގަދަ އެހީތެރިޔާއާ ގުޅުމަށް ދެވޭ ދަޢުވަތެކެވެ. މި އެހީތެރިޔަކީ އެހެން އެއްވެސް ފަރާތެއް ނޫނެވެ. އެއީ ހަމައެކަނި ވެރި ރަސްކަލާނގެއެވެ. އަޅުގަނޑުމެން އެކަލާނގެއަށް ބަރޯސާވާ މިންވަރު އިތުރުވަމުންދާ ވަރަކަށް، އެކަލާނގެ ދެއްވާފައިވާ މަގުދެއްކެވުމަށް ތަބާވެ، އެކަލާނގެ ރުހިވޮޑިގަތުން ހޯދުމަށް މަސައްކަތްކުރުމުގެ ފުރުޞަތު ފުޅާވެގެންދާނެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން، މި ދުނިޔޭގައި ހެޔޮކަމާއި، އާޚިރަތުގައި ދާއިމީ ކާމިޔާބު ޙާޞިލުކުރެވޭނެއެވެ.
ތަވައްކުލު ކުރާ މުއުމިނުން ހުރިހާ ކަމެއް ނިސްބަތްކުރާނީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ އިރާދަފުޅާއި ރުހިވޮޑިގަތުމަށެވެ. އެހެންކަމުން އޭނާ ވާނީ ކިޔަމަންތެރިކަމުން ފުރިފައިވާ މީހަކަށެވެ. މިފަދަ މީހަކު ބޮޑާވެ ފަޚުރުވެރިއެއް ނުވާނެއެވެ.
ތަވައްކުލުގެ ސަބަބުން، މިދުނިޔޭގެ ދިރިއުޅުމުގެ ގޮންޖެހުންތަކާ ގުޅިގެން ކުރިމަތިވާ ދުވަހުން ދުވަހަށް އުފުލަންޖެހޭ ވޭނާއި ކަންބޮޑުވުންތަކުން ސަލާމަތްވުމުގެ ފުރުޞަތު ވެސް ލިބިގެންދާނެއެވެ.ދިރިއުޅުމުގައި ހިތާމަ ލިބޭ ވަގުތު އަޅުގަނޑުމެން އަބަދުވެސް ވިސްނަވާނީ މިއްވުރެ ރަގަނޅު ގޮތެއް މާތްﷲ އަދި މިންވަރުކުރާނެކަމަށް ވަކީލުކުރަންވާނެއެވެ. މާތްﷲ އަޅުގަނޑުމެންނަށް ހުރިހާ ދަތި ޙާލަތްތަކެއްގައި އެހީތެރިވެވޮޑިގެންވެ، އެ ޙާލަތްތަކާ ކުރިމަތިލުމުގެ ޤާބިލުކަން ދެއްވާށިއެވެ. އާމީން



