ޔުކްރޭނުން ރަޝިއާގެ 100 އަށްވުރެ ގިނަ ކުދި ވިލެޖުތައް ހިފައިފި ކަމަށާއި ބޮޑު ކާމިޔާބީއެއް ހޯދައިފިކަމަށް ހުސްވި ހަފްތާގައި ބުނިއިރު ، ރަޝިއާއިން ވަނީ ކުއްލި ހަމަލާއެއްދީ އޭގެތެރެއިން 4000 މީހުން މަރާލައި ބާކީ ތިިބި މީހުން ވަށައިގެން ބަންދު ކޮށްފައިވާ ކަމަށް ބުނެފައެވެ.
މިއާއިއެކު މިހާރު ޔުކްރޭނުން ވަނީ ރަޝިއާގެ ހަމަލާތައް ވަރުގަދަވެ ޔުކްރޭނު ސިފައިންނަށް ކުރިޔަށް ދިޔުމަށް ހުރަސްތަކެއް ދިމާވެއްޖެކަމަށް ބުނެ އެއްބަސް ވެފައެވެ.
ޔުކްރޭނު ސިފައިންގެ ނަމުގައި ރަޝިއާއަށް ހަމަލާ ދިނުމަށް ނޭޓޯގެ ސިފައިން އެރުމުގެ ސަބަބުން ރަޝިޔާގެ އަސްކަރީ މާހިރު ސްތަނިސްލާފް ވަނީ ހުޅަނގުގެ ބޮޑެތި ސިޓީތައް ކަމަށްވާ ލަންޑަނާއި ނިއުޔޯކް އަށް ނިއުކްލިއާ މިސައިލް ހަމަލާތައް ބޭނުން ކުރުމަށް ރަޝިއާގެ ރައީސް ޕޫޓިން އަށް އިލްތިމާސް ކޮށްފައެވެ.
ކުރީގެ އަސްކަރީ އިސް އޮފިޝަލް ރަޝިޔާގެ ޓީވީ ޕްރޮގްރާމެއްގައި އެމެރިކާއާއި އިނގިރޭސީވިލާތަށް ނިއުކްލިއާ ހަމަލާ ދިނުމަށް ޕޫޓިން އަށް އިލްތިމާސް ކުރެއްވިއިރު، މިހާރު ހިނގަމުންދާ ހަމަނުޖެހުމަކީ ރަޝިޔާ އާއި ނޭޓޯއާ ދެމެދު ހިނގާ ހަނގުރާމައެއް ކަމަށްވެސް އޭނާ ބުންޏެވެ.
ސްތަނިސްލާފްގެ މި ވާހަކަފުޅުން އެނގެނީ އޭނާ ދެކޭގޮތުގައި ރަޝިޔާއާ ދެކޮޅަށް ނޭޓޯއިން ހިންގާ އަމަލުތަކުގެ އަޑީގައި ތިބީ އެމެރިކާއާއި އިނގިރޭސިވިލާތެވެ. އޭނާ ސިފަކުރައްވަނީ އެމެރިކާއާއި އިނގިރޭސީވިލާތަކީ ޝައިޠާނުން ކަމަށެވެ.
ނިއުކްލިއާ ހަމަލާތައް ދިނުމަށް އޭނާ ގޮވާލިއިރު ޔޫކްރޭނަކީ ނޭޓޯގެ މެމްބަރެއް ނޫން ނަމަވެސް، ހަމައެކަނި ޔޫކްރޭންގެ ބާރުތަކަށް އަމާޒުކޮށްލިނަމަ ސީދާ ރަޝިޔާއާ ދެކޮޅަށް ބަދަލު ހިފުމުގެ ގާނޫނީ އަސާސެއް ނޭޓޯއަށް ނުލިބޭނެ އެވެ. ނަމަވެސް ހުޅަނގުގެ ބޮޑެތި ސިޓީތަކަށް ނިއުކްލިއާ ހަމަލާއެއް ދީފިނަމަ އިނިގިރޭސީވިލާތާއި ފުރާންސްގެ އިތުރުން އެމެރިކާއިން ވަރަށް ވަރުގަދަ ނިއުކްލިއާ ހަތިޔާޜުގެ ރައްދެއް ރަޝިއާއަށް ދޭނެއެވެ.
ނިއުްލިއާ ހަތުޔާރުގެ ގޮތުން ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ރަޝިޔާގެ އަތުގައި 5،000 އަށް ވުރެ ގިނަ ވޯހެޑް އެބަހުއްޓެވެ. ދެވަނައަށް އޮތް އެމެރިކާގައި ގާތްގަނޑަކަށް 4،000 ހަތިޔާރު ހުރިއިރު، އިނގިރޭސިވިލާތާއި ފްރާންސްގައި ހުރިކަމަށްވަނީ 400 އަށް ވުރެ މަދު ނިއުކްލިއާ ހަތިޔާރެވެ. ދެވަނައަށް އެންމެ ބޮޑު ނިއުކްލިއާ އާސަނަލް އޮންނަ ޗައިނާއަކީ ޕޫޓިންއާއި ގާތް ގުޅުމެއް ބާއްވަމުން އަންނަ ބައިވެރިއެކެވެ.
މި ޤައުމުތައް ހިމެނޭ ނިއުކްލިއަރ ހަނގުރާމައެއް ހިނގުމުގެ ފުރުޞަތު ބޮޑުވުމަކީ ދުނިޔޭގެ ސަލާމަތާއި ހަމަޖެހުމަށް މުސީބާތްތަކެއް ކުރިމަތިވާނެ ކަމެކެވެ.



