ހދ.ވައިކަރަދޫ ފަޅުތެރޭގައި މުށިމަސް މަރުވެ ކުނިވާ މައްސަލަ ހައްލުކުރުމަށް އިތުރަށް މަޝްވަރާކުރައްވާނެ ކަމަށް ސިޓީސް، ލޯކަލް ގަވަރމަންޓް އަދި ޕަބްލިކް ވޯކްސްގެ މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ވައިކަރަދޫ ފަޅުތެރޭގައި މުށިމަސްތައް މަރުވެ އަނެއްކާވެސް ކުނިވުމާ ގުޅޭ ގޮތުން ލިޔެފައިވާ ހަބަރެއް ހިއްސާކުރައްވާ މިނިސްޓަރ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މައްސަލައާ ގުޅިގެން ވައިކަރަދޫ ކައުންސިލްގެ ރައީސް ޒާމިރުއާއި ވާހަކަދައްކަވާ، ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރާ ގުޅިގެން ކުރަމުންދެންދާ ކަންކަމާގުޅޭ ގޮތުން މަޢުލޫމާތު އެއްކުރައްވާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ހައްލުކުރުމަށްޓަކައި ކަމާގުޅޭ ވުޒާރާތަކާއެކު އިތުރަށް މަޝްވަރާކުރައްވާނެ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
ވައިކަރަދޫ ކައުންސިލުން މައުލޫމާތުދޭ ގޮތުގައި އެރަށުގެ ފަޅަކީ އާއްމުކޮށްވެސް ގިނަ އަދަދެއްގެ މަސް ވަންނަ ތަނެކެވެ. އާއްމުކޮށް ފަތިހު ފަޅުތެރެއަށް ވަނުމަށްފަހު އިރުއޮއްސެންވާއިރަށް މަސްތައް ފަޅުތެރެއިން ނުކުންނަ ނަމަވެސް، ލޮނުގަނޑު އުފުލުމުގެ ސަބަބުން ރޭގައި މަސްތައް ވަނީ ފަޅުތެރޭގައި ތާށިވެފައެވެ. އަދި އިރު އެރިއިރު އެތައް ހާސް މަހެއް ކުނިވެގެން ވަނީ މައްޗަށް އަރާފައެވެ.
ކައުންސިލުން މައުލޫމާތުދޭ ގޮތުގައި ވައިކަރަދޫ ބަނދަރު ހަދާފައިވަނީ ރައްޔިތުން އޭރު އެދުނު ގޮތަށް އެއްވެސް ވަރަކަށް އޮއިނުދެމޭ ގޮތަށްކަމުން ކޮންމެ ހޫނު މޫސުމެއްގައިވެސް މި މައްސަލަ ދިމާވެއެވެ. އަދި މިހާތަނަށް ބެލި ބެލުމުން މި މައްސަލަ ދިމާވަނީ ހޫނުވުމުން ފެންގަނޑުގައި ފެހި އުފެދި، މައިކްރޯލްތައް ގިނަވެގެން ފަޅުތެރޭގައި އޮކްސިޖަން ހުސްވުމުން ކަމަށް ކައުންސިލުން ލަފާކުރެއެވެ.
މި މައްސަލަ ހައްލުކުރުމަށްޓަކައި ވައިކަރަދޫ ބަނދަރުގެ އެތެރެ ތޮއްޓާއި ބޭރު ތޮށި މަރާމާތުކުރުމަށް ބަޖެޓުގައި ވަނީ ހިމަނާފައެވެ.



