އެންމެންނަށް ފުރުސަތު އޮތް، އޯގާތެރި، ޝާމިލް މުޖުތަމައެއް ބިނާކުރުމަކީ ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި ވިދާޅުވީ، ކީރިތި ގުރުއާނާއި މާތް ނަބިއްޔާ صلى الله عليه وسلمގެ ސުންނަތުން ފެންނާންހުރި އިރުޝާދުތަކާއި އިބުރަތްތެރި ހާދިސާތަކުން، މުޖްތަމައުގެ ހާއްސަ އެހީތެރިކަމަކަށް ބޭނުންވެފައިވާ ކޮންމެ މީހަކާމެދު އޯގާތެރިކަން އިސްކޮށް އިހުސާންތެރިކަމާއެކު ކަންކަން ކޮށްދިނުމުގެ މުހިންމުކަން ހާމަވާކަމަށެވެ. އަދި އެކަމަށް އޮތް ބޮޑު ދަރުމައާއި އަޖުރު ދީނުގައި ބަޔާންވެގެންވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މުސްލިމަކަށް ވީތީ ކުރެވޭނެ އެންމެ ބޮޑު އެއް ހެޔޮކަމަކީ އަދި ދޫކުރެވޭނެ ދެމިހުންނަނިވި އެއް ސަދަގާތަކީ މުހުތާދުތަކުގައި ޖެހިފައިވާ ކޮންމެ އަހަކާއި އުހްތަކަށްމެ އަޅައިލުންކަމަށް ރައީސް ވިދާޅުވިއެވެ.
"ދިވެހި މުޖްތަމައުގައި، ޑައުން ސިންޑްރޯމްގެ އެކި ހާލަތު ތަހައްމަލު ކުރަމުންދާ ކޮންމެ ކުއްޖަކާއި މީހަކަށް ހެޔޮކޮށް ހިތުމަކީ މުސްލިމަކަށްވީތީ އަދި އިންސާނަކަށްވީތީ އަޅުގަނޑުމެން އުފުލަންޖެހޭ މަސްއޫލިއްޔަތެއް،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.


މިއަހަރުގެ ޑައުން ސިންޑްރޯމް ދުވަހުގެ ޝިއާރުން ލިބިދޭ މެސެޖަކީވެސް އެފަދަ އެއްވެސް ފަރާތެއް މުޖްތަމައުން ބާކީވެ އެކަހެރިވިޔަ ނުދިނުންކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ މި ސަރުކާރުން އިސްނަގައިގެން ވޭތުވެދިޔަ މަސްތަކުގައި މި އަމާޒަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އެންމެން ޝާމިލްވާ މުޖުތަމައެއް ބިނާކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދޭނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
ކޮންމެ އަހަރެއްގެވެސް މާރިޗު މަހުގެ 21 ވަނަ ދުވަހަކީ ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަހެވެ. މިއަހަރުގެ މި ދުވަހަށް އދ. އިން ކަނޑައަޅާފައިވާ ޝިއާރަކީ "އެކަނިވެރިކަމާ ދެކޮޅަށް އެކުގައި" މިއެވެ.







