ނޭޕާލްގެ ކަތުމަންޑޫއަށް ޕޮކަރާއިން ދަތުރުކުރަމުންދިޔަ އިންޑިއާގެ ބަހެއް ކޯރަކަށް ވެއްޓި، 14 މީހުން މަރުވެއްޖެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ބަހުގައި ގާތްގަނޑަކަށް 40 މީހުން ތިބިކަމަށް ބެލެވެއެވެ. މި ބަހަކީ އުއްތަރު ޕްރަދޭޝް ސްޓޭޓުގައި ރަޖިސްޓަރީ ކުރެވިފައިވާ ޔޫޕީ އެފްޓީ 7623 ނަންބަރު ޕްލޭޓް އޮތް ބަހެކެވެ. މި ރޫޓަކީ އިންޑިއާގެ ފަތުރުވެރިން ގިނައިން ބޭނުންކުރާ ރޫޓެއްކަން ފާހަގަކުރެވެއެވެ.
މި ވަގުތު މާސިޔަންގްޑީ ކޯރުގެ އައްސޭރިފަށުގައި ސަލާމަތްކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، މެޑިކަލް ޓީމެއްވެސް ވަނީ ފޮނުވިފައެވެ. ނަމަވެސް، ހާދިސާ ހިނގި ސަބަބާއި މަރުވި މީހުންގެ މަޢުލޫމާތު އަދި ކަށަވަރުކުރެވިފައެއް ނުވެއެވެ.
މަރުވި ބައެއް މީހުންނަކީ މަހާރާޝްޓްރާ ސްޓޭޓުގެ މީހުންކަން އެނގިފައިވާއިރު، މަރުވި މީހުންގެ ހަށިގަނޑުތައް މަހާރާޝްޓްރާއަށް ގެނައުމަށް މަސައްކަތް ކުރަމުންދާކަން އިސްވެރިން މަޢުލޫމާތު ދެއެވެ.



