ތައިލެންޑަށް ކުރި ބޯވިއްސާރައިގެ ސަބަބުން އެގައުމުގެ ޕުކެޓުގައި ފެންބޮޑުވެ ކޯރުތައް ބަންޑުންވުމާއި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތައް ހިނގައި 10 މީހުން މަރުވެއްޖެއެވެ.
މަރުވި މީހުންގެ ތެރޭގައި ރަޝިޔާގެ ދެމަފިރިއަކާއި މިޔަންމާގެ 6 މީހުން ހިމެނޭ ކަމަށް ހަބަރުތައް ބުނެއެވެ.
ތައިލެންޑުގެ އިމަޖެންސީ އޮތޯރިޓީއާއި ހަވާލާދީ އެގައުމުގެ ހަބަރުތައް ބުނާގޮތުން، ހޮޓާތަކާއި އެޕާޓްމަންޓްތަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވާއިރު، 50 ގެއަކަށް ވެސް ވަނީ ގެއްލުން ވެފައެވެ. އަދި ބައެއް މީހުން ގެއްލިފައިވާކަމުގެ ރިޕޯޓްތައް ލިބިފައިވާއިރު ގެއްލުނު މީހުން ހޯދުމަށް ސިފައިންނާއި ވޮލަންޓިއަރުންނާއި ފުލުހުން މިހާރު މަސައްކަތް ކުރަމުންދާކަމަށް އެ އޮތޯރިޓީން ބުނެފައިވެއެވެ.
ފާއިތުވި ހަފުތާގައި ތައިލެންޑުގެ ދެކުނާއި އުތުރަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ފެންބޮޑުވުމުގެ ފުރުސަތު އިތުރުވެފައިވާކަމަށް ތައިލެންޑުގެ މޫސުމާބެހޭ އިދާރާއިން ވަނީ އިންޒާރު ދީފައެވެ.



