އީރާނުގެ ސައުތު ޕާސް ގޭސް ފީލްޑަށް ދިން ޙަމަލާ އާއި އެމެރިކާ އާއި އެއްވެސް ގުޅުމެއް ނެތް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ޓްރަމްޕް މިހެން ވިދާޅުވީ އެ ޙަމަލާގެ ސަބަބުން އީރާނުން ރުޅި އައިސް ގަލްފުގައިވާ ގޭސް ފެސިލިޓީ ތަކަށް ޙަމަލާ ދިނުމާއި ގުޅިގެން ޢަރަބި ޤައުމުތަކުން ކަންބޮޑުވުން ފާޅުކުރުމުންނެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި މި ހަމަލާ އާއި ބެހޭ އެއްވެސް މައުލޫމާތެއް އެމެރިކާ އަކަށް ކުރިން އެނގިފައި ނެތެވެ.
ސައުތު ޕާސް ގޭސް ފީލްޑަކީ ދުނިޔޭގައިވާ އެންމެ ބޮޑު ޤުދުރުތީ ގޭސް ފީލްޑެވެ. ޕާޝިއަން ކަނޑުގައިވާ މިތަން ޙިއްސާ ކުރަނީ ޤަޠަރާއި އީރާނުންނެވެ. ސައުތު ޕާސް އަކީ އީރާނުގެ ބައެވެ.
އީރާނުގެ ގޭސް ފީލްޑަށް އެމެރިކާގެ ހަތިޔާރުން ޙަމަލާ ދިނީ އިސްރާއީލާއި އެމެރިކާ ގުޅިގެން ކަމަށް އީރާނުން ބުނެއެވެ. އެހެންކަމުން ޓްރަމްޕުގެ މި ވާހަކަފުޅުތައް މާޒީގައި ކަންތައް ހިނގާފައިވާ ގޮތަށް ބަލާއިރު ޤަބޫލު ކުރެވޭނެ އެއްވެސް ޤަރީނާ އެއް ފެންނާކަށް ނެތެވެ. އެހެނީ، ޓްރަމްޕަކީ މީގެ ކުރިން ވެސް އީރާނުގެ އަންހެންކުދިންގެ ސްކޫލަށް ބޮން އެޅުމަށް ފަހު އެއީ އެމެރިކާ އިން ކުރި ކަމެއް ނޫން ކަމަށް ބުނެ އިތުރުފުޅު ހެއްދެވި ރައީސެވެ.
އީރާނުގެ ގޭސްފީލްޑަށް ދިން ޙަމަލާގެ ބަދަލު ހިފުމުގެ ގޮތުން ތެހެރާނުން ވަނީ ޤަޠަރުގެ ފެސިލިޓީ އަށާއި ސައޫދީ އާއި ޔޫއޭއީގެ ގޭސް ފެސިޕިޓީތަކަށް ރޭ ޙަމަލާ ދީފައެވެ. މިއާއި އެކު އެ ތަންތަނުގެ މަސައްކަތް ވަނީ ހުއްޓިފައެވެ.










