ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)ގެ ނަމުގައި ސްކޭމެއް ހިނގާތީ އެކަމަށް ސަމާލުވުމަށް އެ ޔުނިވަރސިޓީން އިލްތިމާސްކޮށްފިއެވެ.
އެމްއެންޔޫއިން ވަނީ އެ ޔުނިވަރސިޓީން ހިލޭ އޮންލައިން ޑިގްރީ ކޯސް ހިންގާ ކަމަށް ބުނެ ސްކޭމެއް ހިންގަމުންދާ ކަމަށާއި އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
އެމްއެންޔޫއިން ބުނީ ކޯސްތަކަށް ހުށަހެޅުމާއި، ކޯސްތަކާއި ބެހޭ މަޢުލޫމާތު އެ ޔުނިވަރސިޓީގެ ވެބްސައިޓު މެދުވެރިކޮށް ލިބޭނެ ކަމަށެވެ.
އެމްއެންޔޫގެ ނަމުގައި ދައުރުކުރަމުން އަންނަ ސްކޭމް ޕޯސްޓުގައި ވަނީ އޮންލައިންކޮށް ހިލޭ ޑިގްރީ ކޯސްތައް ހިންގާ ކަމަށާއި، މި ކޯސްތަކުގައި އުމުރުފުރާގެ ގޮތުން 18 އަހަރާއި 35 އަހަރާއި ދެމެދުގެ މީހުންނަށާއި، 35 އަހަރާއި 45 އަހަރާއި ދެމެދުގެ މީހުން އިތުރުން 55 އަހަރުގެ މީހުންނަށް ކޯހުގައި ބައިވެރިވެވޭނެ ކަމަށެވެ.
މަކަރާއި ހީލަތުން ފައިސާ ހޯދުމަކީ ރާއްޖޭގައި ވަރަށް އާންމުވެފައިވާ މައްސަލައެކެވެ.



