ޕޭޕަލްގެ ޚިދުމަތް ދިވެހިރާއްޖެއަށް ލިބޭނެ ގޮތް ހެދުމަށް އެ ކުންފުނީގެ އިސްވެރިންނާއެކު އިކޮނޮމިކް މިނިސްޓްރީން މަޝްވަރާކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕޭޕަލްގެ ގްލޯބަލް މާރކެޓިންގ ރައީސާއެކު ބޭއްވި އޮންލައިން ބައްދަލުވުމެއްގައި އެ ޕްލެޓްފޯމް މެދުވެރިކޮށް ޚިދުމަތް ހޯދުމުގައި ހުރި ދަތިތަކާއި ގުޅޭ ގޮތުން މުހިންމު މަޝްވަރާތަކެއް ކުރެއްވި ކަމަށެވެ.
ޕޭޕަލްއަކީ އޮންލައިންކޮށް ފައިސާ ފޮނުވާ ލިބިގަތުން ފަހިކޮށްދިނުމަށް ހަދާފައިވާ އެޕްލިކޭޝަނެއް ނުވަތަ އީ-ވޮލެޓެކެވެ. މި އެޕްލިކޭޝަން ރާއްޖޭގައި ވަރަށް ގިނަ ބަޔަކު ބޭނުންކުރި ނަމަވެސް ރާއްޖޭގައި މިވަގުތު ޕޭޕަލް ހަމައެކަނި ބޭނުން ކުރެވެނީ ބޭރު މީހުންނަށް ފައިސާ ފޮނުވުމަށެވެ. ދިވެހިންނަށް މި އެޕްލިކޭޝަން މެދުވެރިކޮށް ފައިސާ ލިބޭނެ ގޮތެއް ނޯވެއެވެ.
މިކަމާ ގުޅޭ ގޮތުން މިނިސްޓަރ ސަޢީދު ވިދާޅުވީ ޕޭޕަލްގެ ޚިދުމަތް ފުރިހަމައަށް ތައާރަފްކުރުމަށް ހުރި ގޮންޖެހުންތަކަށް ޙައްލު ގެނައުމަށް އެ ކުންފުނީގެ އިސްވެރިންނާއެކު މަޝްވަރާކުރަމުން އަންނަ ކަމަށެވެ.
މިނިސްޓަރ މީގެ ކުރިން ވިދާޅުވެފައިވަނީ ދިވެހިންނަށް އޮންލައިން ޕޭމަންޓް ސިސްޓަމްތައް ނުވަތަ އީ-ވޮލެޓްތައް މެދުވެރިކޮށް މާލީ މުޢާމަލާތްތައް ކުރެވޭނެ ގޮތް ފަހިކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއް ކަމަށެވެ. މިކަންތައްތައް ފަހިކޮށްދިނުމަށް ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަ އިރު، އިންޑިއާގެ ރުޕޭ ކާޑު ބޭނުންކުރަން ވަރަށް އަވަހަށް ފެށޭނެ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ޓިކްޓޮކުން ރާއްޖެއަށް އެންމެ ފައިދާ ހުރި ގޮތް ހޯދުމަށްޓަކައި ރީޖަނަލް އޮފީސްތަކާއެކު މަޝްވަރާތައް ކުރަން ފަށާފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.



