މަލާއިކަތުންނަކީ ވަކި ޖިންސެއްގެ މަޚްލޫޤުން ކަމުގައި ނުވިޔަސް، اللَّه ގެ އިޛުނަފުޅަށް އިންސާނުންގެ ސިފައިގައި މަލާއިކަތުން ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
ޚުތުބާގައި ބުނީ މަލާއިކަތުންނަށް އީމާންވުމަކީ އީމާންކަމުގެ ރުކުނެއް ކަމަށާއި އެއީ اللَّه تَعَالَى މާތްކުރައްވައިފައިވާ މަޚްލޫޤުންތަކެއް ކަމަށެވެ. މުސްލިމުން މަލާއިކަތުންނަށް އީމާންވާން ޖެހޭނީ ކީރިތި ޤުރްއާނާއި މާތް ނަބިއްޔާގެ ސުންނަތުން ސާބިތުވާ ގޮތަށް ކަމަށް ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި ބުނީ މަލާއިކަތުންނަކީ ފިރިހެން ނުވަތަ އަންހެން ޖިންސަށް ނިސްބަތްވާ ބަޔެއް ނޫން ކަމަށާއި، ކާފިރުވީ މީހުންގެ ތެރޭގައި މަލާއިކަތުންނާ މެދު ނުބައި ޤަބޫލުކުރުންތަކެއް ފެތުރިފައިވި ކަމަށެވެ. އޭގެތެރޭގައި މަލާއިކަތުންނަކީ އަންހެން ޖިންސުގެ ބައެއް ކަމުގައި ޤަބޫލުކުރުން ހިމެނުމާއި، އަދި އެއީ اللَّهގެ އަންހެންދަރީންކަމުގައި ވެސް ޔަހޫދީންނާއި މުޝްރިކުން ބުނިކަމަށް ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި ބުނީ މަލާއިކަތުންނާ މެދު އެ ގޮތަށް ޤަބޫލުކުރާ މީހުންނަކީ އާޚިރަތްދުވަހަށް އީމާންނުވާ މީހުން ކަމަށެވެ.
މީގެ އިތުރުން ޚުތުބާގައި ބުނީ ލޫޠުގެފާނުގެ ޤައުމުގެ މީހުންގެ މައްޗަށް ޢަޛާބު ފޮނުއްވުމުގެ ކުރިން އެކަލޭގެފާނުގެ އަރިހަށް اللَّه تَعَالَى ފޮނުއްވެވި މަލާއިކަތުން ވަޑައިގަތީ ޒުވާން ފިރިހެނުންގެ ސިފައިގައި ކަމަށާއި ބައެއް މީހުންނަށް اللَّه ލަޢުނަތްލެއްވި އިބިލީހާ މެދު ކުށްހީއެއް ކުރެވޭ ކަމަށެވެ.
ކީރިތި ޤުރްއާނުގެ ނައްޞުން ސާފުކޮށް އެނގޭ ގޮތުގައި، އިބިލީހަކީ ޖިންނިއަކަށް ވާއިރު ޚުތުބާގައި ބުނީ އިބިލީހަކީ اللَّه އަށް ނުކިޔަމަންތެރިވުމުގެ ކުރީން މަލާއިކަތުންނާ އެކީ އުޅުމުގެ ފުރުސަތު ލިބިފައިވާ އަޅުވެރި މުއުމިނު ޖިންނިއެއް ކަމަށެވެ. އެގޮތުން އާދަމްގެފާނަށް ސަޖިދަކުރުމަށް މަލާއިކަތުންނަށް ކުރެވުނު އަމުރުފުޅުގައި އޭނާ ވެސް ހިމެނުނު ނަމަވެސް މަލާއިކަތުން އެ އަމުރުފުޅަށް ކިޔަމަންގަތް ހިނދު، އިބިލީސް ބޮޑާވެ ނުކިޔަމަންތެރިވީ ކަމަށް ޚުތުބާގައި ބުންޏެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން اللَّهގެ ރަޙްމަތުން އޭނާ ދުރުކުރެވި، އަދި އަބަދަށް ޓަކައި އޭނާއަށް ލަޢުނަތް ލެއްވުނުކަމަށް ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި ބުނީ މަލާއިކަތުންނަށް އީމާންވުމުގެ ތެރޭގައި އެބޭކަލުން ހައްދަވައިފައިވަނީ ނޫރުންކަން ޤަބޫލުކުރުން ހިމެނޭ ކަމަށެވެ. މަލާއިކަތުންނަކީ މާތް اللَّهއަށް ކިޔަމަންގަތުމަށް ހައްދަވައިފައިވާ ބައެއް ކަމަށްވާއިރު، މަލާއިކަތުންގެ ޢަދަދު اللَّه ފިޔަވައި އެއްވެސް މަޚުލޫޤަކަށް ނޭނގޭނެ ކަމަށް ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި ބުނީ ނަރަކަޔާއި ސުވަރުގެއަށް މަލާއިކަތުން ކަނޑައަޅުއްވައިފައިވާއިރު، ޖިބްރީލުގެފާނަކީ ވަޙީގެ މަލާއިކަތާ ކަމަށް. އޭގެ އިތުރަށް ޤިޔާމަތް ދުވަހު ތާޅަފިލި ފުމެލެއްވުމާއި، މަޚްލޫޤުންގެ މަރުހިއްޕެވުމަށް މަލާއިކަތުންވާ ކަމަށާއި، اللَّه تَعَالَىއަށް ކިޔަމަންގަނެ އަޅުކަންކޮށް، ޤުރްއާން ކިޔަވައި، اللَّه ހަނދުމަކުރާ މީހުންނަށް ރަޙްމަތްލެއްވުމަށް އެދި ދުޢާކުރައްވާ މަލާއިކަތުން ވެސް ވާކަމަށް ޚުތުބާގައި ބުންޏެވެ.
މީގެ އިތުރުން މީސްތަކުންގެ ޢަމަލުތައް ލިޔުއްވާ މަލާއިކަތުން ވާއިރު، މުއުމިނުން ވާންޖެހޭނީ، ސިއްރާއި ފައުޅުގައި ކުރާ ޢަމަލުތައް ލިޔުއްވުމަށް ޓަކައި، ކޮންމެ މީހަކާއެކު اللَّه تَعَالَى މަލާއިކަތުން ލައްވައިފައިވާކަން ދަނެ، ޢަމަލުތައް ސީދާކޮށް اللَّه تَعَالَىއަށް ތަޤްވާވެރިވާ ބަޔަކަށް ކަމަށް ޚުތުބާގައި ބުންޏެވެ.



