މޫނުބުރުގާ އެޅުމާއި ހަށިގަނޑު ރަނގަޅަށް ނިވާ ކުރުމަކީ އިސްލާމީ ރީތި ސިފައެކެވެ. އަދުގެ ދުނިޔޭގައި މުސްލިމުންނާއި ދެކޮޅަށް ހިންގާ ފިކުރީ ހަނގުރާމައި ތެރޭގައި މޫނުބުރުގާއާ މެދު މުސްލިމުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށް ވަރަށް ބޮޑަށް ރޭވިގެން ހުޅަނގުގެ ޤައުމުތަކުން ދަނީ މީގެ އެތައް ސަތޭކަ އަހަރު ކުރިއްސުރެ ކެމްޕޭނުތައް ކުރަމުންނެވެ. މޫނުބުރުގާ އަޅާ މީހުންނަށް ވަޒީފާ ނުދެނީ ވެސް ބުރުގާއާމެދު އެމީހުން ނާއުއްމީދު ކުރުވުމަށެވެ.
މި ޕްރޮޕެގެންޑާ ސައްތައިން ސައްތަ މި ދިވެހި ފަސްގަނޑުގައި ވެސް ވަނީ ފަތުރާފައެވެ. ކުރިން ބޭނުން ކުރަމުންދިޔަ ގަޔަށްދޫ ދިގު ހެދުންތައް ލައިގެން އުޅޭ އަންހެނުންގެ މެޖޯރިޓީއެއް މިހާރު ރާއްޖޭގައި ނެތީ މިސަބަބާއި ހެދިއެވެ. ޖުމްހޫރީ ވެރިކަން ފެށުނީއްސުރެ އަޅުގަނޑުމެންނަށް ފެނުނު ވެރިންގެ ފަރާތުން މޫނު ނިވާކުރުމަށް ހިއްވަރެއް ދެއްވި ތަނެއް ނުފެނެއެވެ. ނަމަވެސް، އިއްޔެ އަކީ ފަހުގެ ތާރީޚެއްގައި ރާއްޖޭގެ ވަލިއްޔުލްއަމްރު ކަމުގައި ހުންނެވި ބޭފުޅަކު އަންހެނުންގެ ޙައްޤު ޙިމާޔަތް ކުރުމުގައި ނަމޫނާ އިސްލާމީވަންތަ ވެރިއެއްކަން ސާބިތުކޮށްދެއްވި ތާރީޚީ ބުރާސްފަތި ދުވަހެވެ.
އިއްޔެ ވީ ކިހިނެއް؟
ދ. ހުޅުދެލި މެޖިސްޓްރޭޓް ކޯޓުގެ ވަޒީފާއަކަށް ކުރިމަތިލި އަންހެނަކު މޫނު ބުރުގާ އަޅާތީ އެ ސަބަބާހުރެ އޭނާ ޑިސްކޮލިފައި ކޮށްލި މައްސަލައެއް ފެންމަތިވީއެވެ. ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނާއި ޙަވާލާދީ އޭނާ ޑިސްކޮލިފައިކޮށް ކޯޓުން ފޮނުވި އީމެއިލްގައި ބުނެފައިވަނީ ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011ގެ 129 ވަނަ މާއްދާގައި މުވައްޒަފުން މަސައްކަތު ގަޑީގައި ހެދުން އަޅާފައި ހުންނަންވާނީ ކާކުކަން ރަނގަޅަށް އެނގޭފަދަ ގޮތެއްގައި ކަމަށް ބަޔާންކޮށްފައިވާތީ، ކެނޑިޑޭޓަކީ މޫނު ބުރުގާ އަޅާ ފަރާތެއްކަން ކަށަވަރު ކުރުމަށްފަހު މޫނު ބުރުގާ އަޅާނަމަ ރެކްރޫޓްމަންޓް ޕްރޮސެސް ކުރިއަށް ގެންދަން ނުފެންނަ ކަމުގައި ދަންނަވާކަމަށެވެ.
މި ސަބަބާހުރެ ރައީސް ޑރ.މުޙައްމަދު މުޢިއްޒު އެކަމާއި ކަންބޮޑުވުން ފާޅުކުރައްވައި ދިވެހި މުސްލިމު އުޚްތުންގެ ދިފާޢުގައި ބަސް ވިދާޅުވިއެވެ. ރައީސް މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ތަފާތުކުރުން ގެނުވާ ގޮތަށް ކުރީގައި ހަދާ އަދިވެސް ޢަމަލުކުރަމުންދާ ހުރިހާ ޤަވާޢިދުތަކާއި އުޞޫލުތައް ބަދަލުކުރުމަކީ ކުރަންޖެހޭ ކަމެއް ކަމަށާއި އެކަން ކުރުމަށް ކަމާ ބެހޭ ފަރާތްތަކަށް މިހާރު އަންގަވާފައިވާ ކަމަށެވެ. މި މުޖުތަމަޢަކީ ހުރިހާ މާނައެއްގައި ޢަދުލުވެރިކަމާއި އިންސާފުވެރިކަން އިސްކުރާ މުޖުތަމަޢަކަށް ހަދަން އެންމެން ޢަޒުމް ކަނޑައެޅުމަށް އިލްތިމާސްކުރެއްވިއެވެ.
ރައީސް މި ވިދާޅުވީ އަސްލު ކީކޭ؟

ރައީސް ބުރާސްފަތި ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓް
- އަންހެނުންގެ ޙައްޤުތަކަށް އަރައިގަތް ޤަވާޢިދުތައް މުރާޖަޢާކޮށް އިޞްލާޙް ކުރުން:
އިސްލާމް ދީނަށްވުރެ ބޮޑަށް މިނިވަންކަން ދީފައިވާ އެހެން އެއްވެސް ދީނެއް ނެތެވެ. ޙަޤީޤީ މިނިވަންކަމާއި ޙައްޤުތައް ޙިމާޔަތްކޮށް އެންމެ ފުރިހަމައަށް ކަށަވަރުކޮށްފައިވަނީ އިސްލާމް ދީނުގައެވެ. އެހެންކަމުން، މޫނު ނިވާކޮށްގެން ތިބޭ އަންހެނުންނަށް ވަޒީފާ ނުދިނުމަށް ޤަވާޢިދެއް ހެދުމަކީ އަންހެނުންގެ ޙައްޤުތަކަށް އަރައިގަތުމެވެ. ރައީސް މުއިއްޒު ވަނީ މިފަދަ ޤަވާޢިދުތަކަށް ބަދަލު ގެނައުމަށް ބާރުއަޅުއްވާފަ އެވެ. މިއީ ޒަމާނީ އަގުތަކާއި މިންގަނޑުތައް ރަނގަޅަށް ދައްކުވައިދޭ ގޮތަށް ސިޔާސަތުތައް އަޕްޑޭޓްކޮށް ރަނގަޅު ކުރުމަށް ކުރިއަށް ދިއުމުގެ ނިޝާނެކެވެ.
- މަސައްކަތާ ގުޅުންހުރި ފަރާތްތައް ޒިންމާ އުފުލުން:
ރައީސް އެ ވިދާޅުވީ އަންހެނުންގެ ޙައްޤުތައް ޙިމާޔަތް ކުރުމަށްޓަކައި މި ބަދަލުތައް ގެނައުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާ ކަމަށެވެ. މާނައަކީ މިހާރު ހުރި ޤަވާޢިދުތައް މުރާޖަޢާކޮށް އިޞްލާޙު ކުރުމުގެ ޒިންމާ ސަރުކާރުގެ ކަމާގުޅުންހުރި ފަރާތްކުން އުފުލައި މޫނުބުރުގާ އަޅައިގެން އުޅޭ މީހުންނަށްވެސް ސަރުކާރުގެ ވަޒީފާ އަދާކުރެވެން ޖެހޭނެއެވެ.
- އިންޞާފު ހޯދައިދީ ޖަމާޢަތުގައި މަސައްކަތް ކުރުމަށް ހިތްވަރު ދިނުން:
މި ބަދަލުތަކުގެ އެންމެ ބޮޑު މަޤްޞަދަކީ ހުރިހާ ގޮތަކުންވެސް އިންޞާފުވެރި މުޖުތަމަޢެއް އުފެއްދުމެވެ. މިކަމުން ދޭހަވަނީ ޒާތީ ނުވަތަ ޘަޤާފީ ތަފާތުތަކަށް ބެލުމެއްނެތި ހުރިހާ އެންމެނާއި ދޭތެރޭ ހަމަހަމަ ގޮތެއްގައި އަމަލުކުރުމާއި ފުރުޞަތުތައް ކަށަވަރުކުރުމަށް ބާރުއަޅާ، އަދި އެންމެން ބައިވެރިވާ މުޖުތަމަޢެއް އުފައްދަން ރައީސް ބޭނުންފުޅުވާ ކަމެވެ.
- އިސްލާމީ އުޞޫލުތަކުގައި ހިފެހެއްޓުން:
އަންހެނަކު މޫނު ނިވާކުރުމުން އޭނާއަށް ވަޒީފާ ނުދިނުމަކީ އިސްލާމީ އުޞޫލު ދަންނަ ކަމެއް ނޫނެވެ. އިސްލާމީ ރިވެތި އުޞޫލަކީ ހަމަހަމަކަމާއި އިންޞާފެވެ. ރައީސް ގޮވާލައްވަނީ އިސްލާމީ ރިވެތި އުޞޫލުތައް ދޫކޮށް ނުލުމަށެވެ.
ރައީސް ބޭނުންފުޅުވަނީ އިންޞާފު ވެރިކަމެވެ. އިންޞާފު ކަށަވަރުކުރުމަށް ކުރިން ހަދާފައިވާ ދޯހަޅި ސިޔާސަތުތައް އިޞްލާޙުކުރުމަށެވެ.
މިއީ އަޅުގަނޑުމެންނަށް އެހެން ވެރީންގެ ފަރާތުން ކުރިން ފެނުނު ޞިފަތަކެއް ނޫނެވެ. ރައީސް މުޢިއްޒު ނަމޫނާ ދައްކަވަނީ ކުރީގެ ވެރިންނަށް އިޙްތިރާމް ކުރުމަށެވެ. ކުރީގެ ބައެއް ވެރިކަންތަކުގައި އިސްލާމް ދީނަށް ފުރައްސާރަ ކުރުމުގެ ގޮތުން އަންހެނުންގެ ބުރުގާ އެޅުމުގެ ޙައްޤު ހިފަހައްޓައި އަންހެނުންގެ ކަރާމާތް ނިގުޅައިގަތަސް، އެ ވެރީންނާއި ދިމާލަށް އެއްޗެހި ކިޔައި ބަދުބަސް ބުނުމުގެ ބަދަލުގައި ރައީސް ޑރ.މުޙައްމަދު މުޢިއްޒު އެދިވަޑައިގަންނަވަނީ އަމާންކަމާއެކު ދިރިއުޅެން ދަސްކޮށް، ހުރިހާ އެންމެން ވެސް އެކަކު އަނެކަކަށް އިޙްތިރާމް ކުރުމަށެވެ. މަގުތަކާއި އޮފީސް މާޙައުލަކީ ޚާއްޞަކޮށް އަންހެނުންނަށް ރައްކާތެރި އަދި އިތުބާރާއި ޔަޤީންކަން އޮންނަ ތަންތަނަށް ހެދުމަށެވެ. އިސްލާމް ދީނުގައި އަންހެނުންނަށް ދީފައިވާ ޤަދަރު އެމީހުންނަށް ދިނުމަށެވެ. މޫނުބުރުގާ އެޅުމަކީ އަންހެނުން ބާކީކޮށްގެންވާނެ ކަމެއް ނޫންކަން ކަށަވަރުކޮށްދިނުމެވެ.
އެހެންކަމުން، ރާއްޖެއަށް ބޭނުންވަނީ އިސްލާމީ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ، އަންހެނުންގެ ހިފަހައްޓާފައި އޮތް ޙައްގުތައް ކަށަވަރުކޮށްދިނުމަށް މަސައްކަތްކުރާނެ ވެރިއެކެވެ.



