ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލުމުގައި ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ބަދަހިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފި އެވެ.
ރައީސް މިކަމަށް އިލްތިމާސްކުރެއްވީ މިއަހަރުގެ ކޮމަންވެލްތު ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހާއްސަ މެސެޖެއްގަ އެވެ.
ރައީސްގެ މެސެޖުގައި، މޫސުމީ ވިލުންތެރިކަން އިތުރުކުރުމާއި، ލުއި މާލީ އެހީ ނުވަތަ ކޮންސެޝަނަލް ފައިނޭންސިން ހޯދުމުގެ އިތުރުން، ދެމެހެއްޓެނިވި ގޮތެއްގައި ދަރަނީގެ މައްސަލަތަކަށް ހައްލު ހޯދުމަށް ކޮމަންވެލްތުގެ ގައުމުތަކުން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، ސުލްހަމަސަލަސްކަން ދެމެހެއްޓުމާއި، ހެޔޮވެރިކަން ކުރިއެރުވުމުގައި ކޮމަންވެލްތަކީ ބައިނަލްއަގުވާމީ އެއްބައިވަންތަކަމުގެ ދިރިހުރި މިސާލެއް ކަމަށެވެ.
މިއަހަރުގެ ކޮމަންވެލްތު ދުވަހުގެ ޝިއާރަކީ "ފާގަތި ކޮމަންވެލްތަކަށް ޓަކައި، އެންމެން ގުޅިގެން ފުރުސަތުތަކުގެ ބޭނުންހިފުން" އެވެ. މި ޝިއާރަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ޓަކައި އެންމެން ގުޅިގެން މަސައްކަތްކުރުމަކީ ކޮމަންވެލްތުގެ މަގުސަދުތައް ހާސިލުކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.
ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިއަހަރުގެ ޝިއާރު ބިނާވެފައިވަނީ ދިވެހިރާއްޖެއިން ގައުމީ ފެންވަރުގައި އިސްކަންދޭ މުހިންމު ދާއިރާތަކުގެ މައްޗަށެވެ. މީގެ ތެރޭގައި މޫސުމީ ބަދަލުތަކަށް އަހުލުވެރިވުމާއި، ތައުލީމީ ދާއިރާ ކުރިއެރުވުމާއި، ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ އިތުރުން ޑިޖިޓަލްކުރުން ހިމެނެއެވެ. ރާއްޖެއަކީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމަކަށް ވީތީ، މޫސުމީ ބަދަލުތަކާއި ބޭރުގެ އިގްތިސާދީ ލޮޅުންތަކުގެ ނާޒުކުކަން ރާއްޖެއަށް ބޮޑުކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކޮމަންވެލްތަށް 77 އަހަރު ފުރުމުގެ މުނާސަބަތުގައި، އެ ޖަމްއިއްޔާގެ ތެރެއިން ގުޅުން ބަދަހިކުރުމަށް ރާއްޖެއިން ދޭ އަހައްމިއްޔަތުކަން ރައީސް ތަކުރާރުކޮށް ފާހަގަކުރެއްވިއެވެ. އަދި މިއަހަރު ބާއްވާ ކޮމަންވެލްތުގެ އިސްވެރިންގެ ބައްދަލުވުމަކީ ގައުމުތަކުގެ މެދުގައިވާ ގުޅުންތައް ތާޒާކުރުމަށް ލިބޭ މުހިންމު ފުރުސަތެއްކަން ފާހަގަކުރައްވައި، ކޮމަންވެލްތުގެ އާއިލާއަށް ފައިދާހުރި ނަތީޖާތަކެއް ހާސިލުކުރުމުގައި ރާއްޖެއިން އަމަލީގޮތުން ބައިވެރިވާނޭކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.










