20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މާލޭ އޭރިއާއިން އެއްވަނަ ކެނޑިޑޭޓުގެ ގޮތުގައި ހޮވުނު ހުޅުމާލެ މެދު ދައިރާގެ ޕީއެންސީ މެމްބަރު އަބްދުﷲ ޝަޛީމުއަށް ރޭ ހަވާ އަރުވައިދިނީ ސަރުކާރުން ކަމަށް ބުނާ ވާހަކަތައް ދޮގު ކޮށްފިއެވެ.
ކެމްޕޭނު މެނޭޖަރު އަޒްލީލް ވިދާޅުވީ އެއީ ހަދިޔާއަކަށް ޢާއިލާގެ ފަރާތުން ބޭއްވި އިވެންޓެކެވެ.
އިލެކްޝަންސް ކޮމިޝަނުގެ ނަތީޖާ ދައްކާގޮތުން މުޅި މާލޭ އޭރިއާއިން އޭނާއަށް 1 ވަނަ ލިބުނުއިރު މުޅި ރާއްޖެއިން 5 ވަނައަށް އެންމެ ގިނަ ވޯޓު ލިބުނު ފަރާތަކީވެސް ޢަބްދުﷲ ޝަޛީމް އެވެ.
ޝަޛީމް ހޯއްދެވި ކާމިޔާބީ ފާހަގަކުރައްވައި ރޭ ހުޅުމާލެ މެދު ދާއިރާގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އޭނާގެ މެނޭޖަރު އަޙްމަދު އަޒްލީލު ވިދާޅުވީ، ޝަޛީމް އަކީ ރައްޔިތުންގެ މަޖިލީހުގައި ނަމޫނާ މެމްބަރަކަށް ވާނެކަމާއިމެދު އެއްވެސް ޝައްކެއް ނުކުރައްވާނެ ކަމަށެވެ. ބެލެވޭ ގޮތުގައި އަޒްލީލު މިހެން ވިދާޅުވީ މިހާރަކަށް އައިސް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ޢިއްޒަތްތެރި ބައެއް މެމްބަރުންގެ ފަރާތްޕުޅުން ފެނިވަޑައިގަންނަވާ އެކަށީގެންނުވާ ބަސްމަގާއި ޢަމަލުތަކުގެ ސަބަބުންނެވެ.
ރޭގެ ޖަލްސާގައި ޝަޛީމް ވަނީ އެދާއިރާގެ ރައްޔިތުންނަށް އޭނާ ވެވަޑައިގެންނެވި ވަޢުދުތައް ފުއްދައިދެއްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާފައެވެ.
ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒުގެ ތަޞައްވަރު ޙަޤީޤަތަކަށް ހެއްދެވުމަށް މަޖިލިސްތެރެއިން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވަން ވަޢުދުވެ ވަޑައިގެންނެވި ޝަޛީމް ވަނީ ހުޅުމާލޭގައި ދިރިއުޅޭ ދަފްތަރު ރައްޔިތުންނަށް ހެޔޮ ގޮތް ހޯދައިދޭނެކަމަށް ވިދާޅުވެފައެވެ.
ރެގެ ޖަލްސާގައި ސަރުކާރުގެ ވަޒީރުންނާއި ޢިއްޒަތްތެރިންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.



