އެލައިޑް އިންޝުއަރަންސްގެ އިސްލާމިކް ވިންޑޯ، އެލައިޑް ތަކާފުލްގެ ފަރާތުން އަންހެނުންނަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ "ކަމަނަ ތަކާފުލް" ޕްލޭނަށް ހާއްސަ ޕްރޮމޯޝަނެއް މިއަދު އިޢުލާންކޮށްފިއެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ 8 މާޗު 2026 އިން ފެށިގެން 7 މޭ 2026 ގެ ނިޔަލަށެވެ. މި މުއްދަތުގެ ތެރޭގައި "ކަމަނަ ތަކާފުލް" ޕްލޭނެއް ނަންގަވާ ފަރާތްތަކަށް ހާއްސަ އިނާޔަތެއްގެ ގޮތުން، ފުރަތަމަ މަހުގެ ކޮންޓްރިބިއުޝަން ހިލޭ ލިބިގެންދާނެ ކަމަށް އެލައިޑް ތަކާފުލްއިން މައުލޫމާތު ދެ އެވެ.
"ކަމަނަ ތަކާފުލް" އަކީ އިސްލާމީ ޝަރީއަތުގެ އުސޫލުތަކާ އެއްގޮތަށް، އަންހެނުންނަށް މާލީ ރައްކާތެރިކަމާއި ފައިސާ ރައްކާކުރުމުގެ (ސޭވިންގްސް) ފުރުސަތު ފަހިކޮށްދިނުމަށް ތައްޔާރުކޮށްފައިވާ ހަރުދަނާ ޕްލޭނެކެވެ. މި ޕްލޭންގެ މައިގަނޑު މަގުސަދަކީ އަންހެނުންގެ އަމިއްލަ މާލީ މުސްތަގްބަލު ބައްޓަންކުރުމުގެ ބާރުވެރިކަން ހޯދައިދީ، އާއިލާއަށް ބޭނުންވާ ރައްކާތެރިކަން ކަށަވަރުކޮށްދިނުމެވެ.
މި ޕްލޭންގެ ދަށުން ލިބިގެންދާ މުހިންމު ފައިދާތަކުގެ ތެރޭގައި:
ސޭވިންގްސް އަދި ފައިދާ: ޕްލޭންގެ މުއްދަތު ހަމަވުމުން، ބައިވެރިޔާ ރައްކާކުރި ފައިސާގެ އިތުރުން އެ ފައިސާ އިންވެސްޓްކޮށްގެން ލިބުނު ފައިދާ އަނބުރާ ލިބިގެންދާނެ އެވެ.
އިމަޖެންސީ ފަންޑު: ކޮންމެ ދެ އަހަރަކުން އެއްފަހަރު، ރައްކާކުރި ޖުމްލަ އަދަދުގެ %5 އާ ހަމައަށް ފައިސާ ނެގުމުގެ ފުރުސަތު ލިބެ އެވެ. މިއީ ދިގުމުއްދަތުގެ ސޭވިންގްސްއަށް ބުރޫނާރާނެހެން، ކުއްލި މާލީ ބޭނުންތައް ފުއްދުމަށް ހުޅުވާލެވިފައިވާ ފުރުސަތެކެވެ.
މާލީ ރައްކާތެރިކަން: މަރުވުމާއި، ނުރައްކާތެރި ބަލިތަކާއި، އަދި ދާއިމީ ނުކުޅެދުންތެރިކަން ފަދަ ދަތި ހާލަތްތަކުގައި ފުރިހަމަ މާލީ އެހީތެރިކަން މި ޕްލޭން މެދުވެރިކޮށް ފޯރުކޮށްދެއެވެ.
ސިއްހީ އިނާޔަތް: އަންހެނުންގެ ދުޅަހެޔޮކަމަށް އިސްކަންދިނުމުގެ ގޮތުން، ކޮންމެ ތިން އަހަރަކުން އެއްފަހަރު ހިލޭ ކެންސަރު ސްކްރީނިންގް ހެދުމުގެ ފުރުސަތު ބައިވެރިންނަށް ލިބިގެންދާނެ އެވެ.
އެލައިޑް ތަކާފުލްއިން ހާމަކުރި ގޮތުގައި، މިފަދަ ޕްރޮމޯޝަނެއް ކުރިއަށް ގެންދިއުމުގެ ބޭނުމަކީ ރާއްޖޭގެ ވީހާވެސް ގިނަ އަންހެނުންނަށް މާލީ މިނިވަންކަން ހޯދައިދިނުމެވެ. އެ ކުންފުނިން ގަބޫލުކުރާ ގޮތުގައި އަންހެނުންގެ ބާރުވެރިކަން ފެށެނީ ރައްކާތެރިކަން ކަށަވަރުކޮށްދޭ ހަރުދަނާ މާލީ ރޭވުމެއް އޮތުމުންނެވެ.
އެލައިޑް ތަކާފުލްގެ އަމާޒަކީ އިތުބާރާއި ހިތްހަމަޖެހުމާއެކު އާއިލާތަކުގެ މުސްތަގްބަލު ބައްޓަންކުރުމަށް އެހީތެރިވެދޭނެ ފަދަ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ދެމިއޮތުމެވެ.










