މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓްރީން ވަނީ ހުއްޓުވޭ ވިޔަފާރިތައް އަލުން ރަޖިސްޓްރީކުރެވޭނީ އެ މިނިސްޓްރީގެ ޚާއްސަ ހުއްދައެއްގެ ދަށުން ކަމަށް ބުނެފައެވެ.
މިނިސްޓްރީން މަޢުލޫމާތު ދެއްވިގޮތުގައި، ޓާސްކް ފޯހުގެ މަސައްކަތުގެ ތެރެއިން، ވިޔަފާރިތައް ބަލައި ފާސްކުރުމުގައި އެންމެ އިސްކަމެއް ދޭނީ އެ ވިޔަފާރިއެއް ރަޖިސްޓްރީ ކޮށްފައިވޭތޯ ބެލުމަށެވެ.
އަދި ބޭނުންވާ ހުއްދަތައް ނުނަގައި ވިޔަފާރިކުރާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅޭނެ ކަމަށްވެސް މިނިސްޓްރީން ވަނީ އިންޒާރުދީފައެވެ. މީގެ އިތުރުން، ދިވެއްސެއްގެ ނަމުގައި ބިދޭސީއަކު ވިޔަފާރިކުރުމަކީ މަނާކަމެއް ކަމަށާއި، މިފަދަ ޢަމަލުތައް ހިންގާ ފަރާތްތަކާމެދުވެސް ފިޔަވަޅު އެޅޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.
މިނިސްޓްރީން އިތުރަށް ހާމަކުރި ގޮތުގައި، ޤާނޫނާ ޚިލާފުވާ ހުރިހާ ފަރާތްތަކާމެދު ޓާސްކް ފޯހުގެ ދަށުން ފިޔަވަޅު އެޅޭނެއެވެ. މި ފިޔަވަޅުތަކުގެ މަޤްޞަދަކީ ރާއްޖޭގެ ވިޔަފާރީގެ މާޙައުލު ހަރުދަނާކޮށް، ޤާނޫނާ އެއްގޮތަށް ވިޔަފާރިކުރާ ފަރާތްތަކަށް ހަމަހަމަ ފުރުޞަތުތަކެއް ފަހިކޮށްދިނުމެވެ.



