ހޯމަދުވަހުގެރޭ ފަތިހު އިޓަލީގެ ސިސިލީ ކައިރިން އަޑިޔަށްދިޔަ ސުޕަޔޮޓުން ގެއްލުނު 7 މީހުންގެ ތެރޭގައި ބްރިޓެއިންގެ ބިލް ގޭޓްސް" ގެ ނަމުން މަޝްހޫރުވެފައިވާ ބްރިޓިޝް ސޮފްޓްވެއަރ މައިކް ލިންޗް ވެސް ހިމެނެއެވެ.
ލިންޗް އާއި އޭނާގެ ދަރިފުޅު ހަނާ އަދި އިތުރު 4 މީހުން ގެއްލިފައިވާކަމަށް ވަނީ ރިޕޯޓުކުރެވިފައެވެ. އެހެން ފަސިންޖަރުންގެ ތެރޭގައި ހިމެނެނީ މޯގަން ސްޓޭންލީގެ ބައިނަލްއަޤްވާމީ ޗެއަރމަން އަދި ލިންޗްގެ ކުންފުނި އޮޓޮނޮމީގެ ކުރީގެ އެކުވެރިޔާ ޖޮނަތަން ބްލޫމަރ، އަދި ލިންޗްގެ ވަކީލު އަދި ކްލިފޯޑް ޗާންސްގެ ޕާޓްނަރު ކްރިސް މޯވިލޯއެވެ. އިޓަލީގެ ކޯސްޓްގާޑުން މިހާރު ވަނީ ލިންޗް އަދި އޭނަގެ ދަރފުޅު ހަނާ މި ހާދިސާގައި ނިޔާވެފައިވާކަން ކަށަވަރުކޮށްދީފައެވެ. އަދި އެހެން ފަސިންޖަރުންގެ ހަށިގަނޑުތައްވެސް ވަނީ ފެނިފައެވެ.
މައިކް ލިންޗްއަކީ 1965 ވަނަ އަހަރު އަޔަލޭންޑުގައި އުފަން، އިނގިރޭސިވިލާތުގެ އެސެކްސްގައި ބޮޑުވެފައިވާ، ބްރިޓިޝް ޓެކްނޮލޮޖީ ދާއިރާގައި އައު މަގުތަކެއް މަގުފަހިކޮށްދފައިވާ ފަރާތެކެވެ. ކޭމްބްރިޖް ޔުނިވަރސިޓީން ދިރާސީ ސައިންސް ކިޔެވުމަށްފަހު، ހަމަ އެ މަރުކަޒުން ހސާބުން ކޮމްޕިއުޓިންގ ޑޮކްޓަރޭޓް ޙާޞިލްކުރި ލިންޗް ވަނީ 1996 ގައި "އޮޓޮނޮމީ" އުފައްދާފައެވެ. މި ކުންފުނިން ވަނީ އިނގިރޭސިވިލާތުގެ އެންމެ ކާމިޔާބު ޓެކްނޮލޮޖީ ކުންފުނިތަކުގެ ތެރެއިން އެއް ކުންފުންޏަކަށް ވެފައެވެ. އޮޓޮނޮމީ ޚާއްޞަވެފައިވަނީ ރެވަރެންޑް ތޯމަސް ބޭޒްގެ އުޞޫލުތަކުގެ މައްޗަށް ބިނާކޮށް ބޮޑެތި މަޢުލޫމާތުތައް ދިރާސާކުރުމަށެވެ. ލިންޗްގެ ޔޮޓުގެ ނަން ކިޔާފައިވަނީ މި ރެވަރެންޑްގެ ނަމުންނެވެ.
2011 ވަނަ އަހަރު، އޮޓޮނޮމީ ކުންފުނި ހިއުލެޓް-ޕެކާޑަށް(އެޗް.ޕީ) 11.7 ބިލިއަން އެމެރިކާ ޑޮލަރަށް ވިއްކާލެވުނެވެ. ނަމަވެސް، މި މުޢާމަލާތާ ގުޅިގެން ފަހުން އޮޓޮނޮމީގެ ސީއީއޯ މައިކް ލިންޗްގެ މައްޗަށް މާލީ ފްރޯޑްގެ ތުހުމަތުތަކެއް ކުރެވުނެވެ. ހިއުލެޓް-ޕެކާޑުން ތުހުމަތު ކުރި ގޮތުގައި، އޮޓޮނޮމީގެ މާލީ ޙާލަތާ ބެހޭ މަޢުލޫމާތު އޮޅުވާލާފައިވެއެވެ. މީގެ ސަބަބުން ހިއުލެޓް-ޕެކާޑަށް 8.8 ބިލިއަން ޑޮލަރުގެ ރައިޓް-ޑައުންއަކާ ކުރިމަތިލާން ޖެހުނެވެ. މި މައްސަލައާ ގުޅިގެން، އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސްއިން ލިންޗްގެ މައްޗަށް ފްރޯޑްގެ ދަޢުވާ އުފުލިއެވެ. އެހެންނަމަވެސް، ދިގު ޤާނޫނީ މަރުޙަލާއަކަށްފަހު، 2023 ވަނަ އަހަރުގެ ކުރީކޮޅު އޭނާ ވަނީ މި ދަޢުވާއިން ބަރީއަވެފައެވެ.
އޮޓޮނޮމީގެ އިތުރުން، މައިކް ލިންޗް ވަނީ އެތައް އެހެން ވިޔަފާރި މަޝްރޫޢުތަކެއްގައި ބައިވެރިވެފައެވެ. އޭގެ ތެރޭގައި އިންވޯކް ކެޕިޓަލް އުފެއްދުން ފާހަގަކޮށްލެވެއެވެ. މި އިންވެސްޓްމަންޓް ކުންފުނިން ވަނީ ގިނަ ޓެކްނޮލޮޖީ ކުންފުނިތަކަކަށް ފަންޑު ފޯރުކޮށްދީފައެވެ. މީގެ ތެރޭގައި ސައިބަރ ސެކިއުރިޓީ ދާއިރާގެ ކުންފުންޏެއް ކަމަށްވާ ޑާކްޓްރޭސް ހިމެނެއެވެ. ލިންޗްގެ ވިޔަފާރި އާއި އިޖްތިމާޢީ ޚިދުމަތްތަކަށް ބަލައި، 2006 ވަނަ އަހަރު، ބްރިޓިޝް ވިޔަފާރިއަށް ކޮށްފައިވާ ޚިދުމަތްތަކަށްޓަކައި އޭނާއަށް ވަނީ އޯބީއީ (އޯޑަރ އޮފް ދަ ބްރިޓިޝް އެމްޕަޔަރ) މެޑެލް ދެވިފައެވެ. މީގެ އިތުރުން، އިނގިރޭސި ސަރުކާރަށް ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާއިން ލަފާދޭ މުހިންމު ފަރާތެއްގެ ގޮތުގައިވެސް އޭނާ ވަނީ މަސައްކަތްކޮށްފައެވެ.
ލިންޗްގެ ހަޔާތީ ދަތުރު ނިމުމަކަށް އައުމާއެކު، ޓެކްނޮލޮޖީގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ވަނީ ނުހަނު ބޮޑު ހިތްދަތިކަމެއް ކުރިމަތިވެފައެވެ. އޭނާގެ ކުރީގެ އެކުވެރިންނާއި މަސައްކަތުގެ ދާއިރާގައި ގުޅުން އޮތް ފަރާތްތަކުން ވަނީ އެކަމުގެ ފުން ހިތާމަ ފާޅުކޮށްފައެވެ. އޮޓޮނޮމީގެ ކުރީގެ ސީއޯއޯ އެންޑްރޫ ކެންޓަރ ވަނީ ލިންޗް ތަޢާރަފުކޮށްދީފައިވަނީ "އަހަރެން ބައްދަލުކުރި އެންމެ ވިސްނުންތޫނު އަދި އޯގާތެރި އިންސާނާ" ގެ ގޮތުގައެވެ. އަދި އިތުރަށް ފާހަގަކޮށްފައިވަނީ، "އަހަރެމެންގެ ޖީލުގައި އެހާ ގިނަ ބައެއްގެ މައްޗަށް އެފަދަ ފުޅާ ދާއިރާއެއްގައި އަސަރުކުރި އިނގިރޭސިވިލާތުގެ އެހެން ޓެކްނޮލޮޖީ އިންވެސްޓަރެއް ނެތް" ކަމަށެވެ.



