ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން މިއަދު ނިންމާފައިވާތީ އެމަޤާމުން އޭނާ ވަކިކުރުމާމެދު ގޮތެއް ނިންމުމަށް މިރޭ ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
ވެރިކަން ކުރާ ޕީއެންސީގެ ފަރާތުން މިދިޔަ ހަފްތާ އަންގާރަ ދުވަހު ޖުޑީޝަރީ ކޮމިޓީއަށް ހުށަހެޅި މި މައްސަލައަށް ޖަވާބުދާރީވުމަށް ޝަމީމު މިއަދު އެ ކޮމިޓީއަށް ހާޒިރުކޮށްފައިވެ އެވެ.
އެެ ބައްދަލުވުން ހުޅުވާލައިގެން ކުރިއަށް ގެންދިޔުމަށް ޝަމީމު އެދިފައި ވެއެވެ. ނަމަވެސް މައްސަލައިގެ ބާވަތުން ކޮމެޓީން ޝަމީމްއާއި ސުވާލުކުރީ އާންމުކޮށް ހުޅުވާލައިގެން ކުރިޔަށް ގެންދިޔުމުގެ ބަދަލުގައި ސިއްރު ކޮށްގެންނެވެ.
އެ މައްސަލައިގައި ޕީޖީ ޝަމީމް ވަނީ އޭނާ މަގާމުން ވަކިކުރަން އުޅެނީ ކޮރަޕްޝަންގެ ތެރެއިން ޕީޖީ އޮފީހަށް ނުފޫޒު ނުފޯރުވޭތީ ކަމަށް ވިދާޅުވެފަ އެވެ. އަދި އޭނާއަށް ކުރި ތުހުމަތުތަކެއް ކޮށްގެން އުޅެނީ ނުރަނގަޅު ނިޔަތެއްގައި ކަމަށެވެ.
އެހެންނަމަވެސް ހަގީގަތަކީ ޝަމީމްގެ ޕީޖީ ކަމުގައި ވަރަށް ގިނަ ގޯސްތަކެއް ވަނީ ހަދާފައެވެ. އެގޮތުން ވަކި މީހަކު ކުށަކުން ސަލާމަތް ކުރުމަށްޓަކައި ގަވާއިދުތަަށް ބޮޑެތި ބަދަލުތަކެއް އޭޏާ ވަނީ ގެނެސްފައެވެ. އެގޮތުން ވަކި މުއްދަތެއްގެ ތެރޭގައި ޝަރީއަތް ނުހިންގާ ހުރި މައްސަލަތައް "ޑިލީޓް"ވާނެގޮތް ހެދީ އެމްއެމްޕީއާރުސީގެ މައްސަލައިގައި ހިމެނޭ ބައެއް ފަރާތްތައް އަނެއްކާ އަނބރާ ޖަލަށް ދާން ޖެހިދާނެތީ ކަމަށް ބުނެވެސް ޝަމީމުއަށް ތުހުމަތު ކުރެވެއެވެ. އަނެއްކޮޅުން އެމައްސަލައިގައި އަހުމަދު އަދީބުއާ ގުޅުންހުރި ގިނަ ދައުވާތަކެއް ހުރިއިރު ޝަމީމަކީ އަދީބުގެ ދިފާއީ ވަކީލުކަންވެސް ކުރެއްވި ބޭފުޅެކެވެ. އެހެންކަމުން އަދީބުގެ ގިނަ މައްސަލަތައް ފައިލްކޮށްފައި އެބަހުއްޓެވެ. އަދި ވަކި މުއްދަތެއް ފާއިތުވުމުން އެމައްސަލަތައް އޮޓޮމެޓިކުން "ޑިލީޓް" ކުރެވޭ ގޮތަށް އުސޫލަށް ވަނީ ބަދަލު ގެނެސްފައެވެ.
ޝަމީމުއަކީ ރާއްޖޭގެ ޕްރޮސެކިއުޓަރ ޖެނެރަލް ކަމަށް ވެފައި އެފަދަ ޒިމްދާރު މަޤާމެއްގައި ހުންނަ މީހަކު ކޮށްގެން ނުވާނެ އިސްލާމްދީނާއި ހިލާފު އަމަލުތައް އޭނާ ވަނީ ކޮށްފައެވެ. އޭނާގެ ސޯޝަލް މީޑިއާ އެކައުންޓުގައި އިސްލާމްދީނާއި ދެކޮޅު ޝިއާރުތައް ޕްރޮމޯޓްވާ ގޮތަށް ބަނގުރާ ކަމަށް ޝައްކު ކުރެވޭ އެއްޗެއްވެސް ވަނީ ދައްކާފައެވެ.
މީގެ އިތުރުން؛
ރޭޕުގެ ތުހުމަތުކުރެވުނު ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލަ ފައިލްކުރުން
ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްސަލަ ފައިލްކުރުން
ސަފާރީ ރޭޕް ކޭސް މައްސަލައިގައި ދަށު ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ނުކުރަން ނިންމުން
މިލަންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ރިޒާގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ހިއުމަން ޓްރެފިކިން ދައުވާ އަނބުރާ ގެނައުން
ބަނގުރާ ބުއިމުގެ 77 މައްސަލައެއް އަނބުރާ ގެނައުން
އެއްޖިންސުން ގުޅުން ހިންގުމުގެ 13 މައްސަލައެއް އަނބުރާ ގެނައުން
ޕީޖީ އޮފީހުގެ ޕްރޮސިކިއުޓަރު އަދި ތަރުޖަމާނު އަހުމަދު ޝަފީއުއަށް ކުރެވޭ އެއް ޖިންސުން ގުޅުން ހިންގުމާއި، މަސްތުވާތަކެތި ބޭނުންކުރުމާއި، ރަސޫލާއަށް ފުރައްސާރަ ކުރުމުގެ ތުހުމަތުތަކުގެ މައްސަލަ ބަލަން ދެކޮޅު ހެދުން
ވެންޓިލޭޓަރު މައްސަލައިގައި ދައުވާ ނުކުރަން ނިންމުން މިއީ ހުސައިން ޝަމީމަށް ކުރާ ސީރިއަސް ތުހުމަތުތަކެވެ.
މިއަދު އޭނާ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވި ގޮތުގައި ވޭތުވެދިޔަ ހަތަރު އަހަރު އެ މަގާމުގައި ހުންނަވައިގެން މަސައްކަތް ކޮށްފައި ވަނީ، މިނިވަންކަމާއެކު ވަކި ފަރާތެއް ނުފޫޒަކަށް ބޯނުލަބައި، ގާނޫނީ އިމުގެ ތެރެއިންންނެވެ.



