ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކޮށް އިންތިހާބީ މެމްބަރުން ހަވާ އަރުވަނީ ސަރުކާރުގެ ޚަރަދުގައި ނޫން ކަމަށް ރައީސް އޮފީހުގެ ޑެޕިއުޓީ އަންޑަރ ސެކްރެޓަރީ އިބްރާހިމް އަބާން އަބްދުލް ލަތީފް ވިދާޅުވެއްޖެއެވެ.
އަބާން މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކޮށް އުފާފާޅު ކުރަންކަމަށް ބުނެ ސަރުކާރުން އެތައް މިލިއަން ރުފިޔާއެއް ބޭކާރު ކުރާ ކަމަށް ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު އާއި ހަވާލާދީ ޗެނަލް 13 އިން އާންމު ކުރި ޚަބަރަކާ ގުޅިގެންނެވެ.
އެ ޚަބަރުގައި މަލީހު ވިދާޅުވީ، ސަރުކާރު މެމްބަރުން ހަވާ އަރުވައި ނިމޭއިރު 11 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ. އަދި މިއީ ހަމައެކަނި ބަޑިބޭހަށް ހަރަދުވާ ފައިސާ ކަމަށާއި، ތައްޔާރީތަކަށާއި އެހެނިހެން ހަރަދުތައް އެއްކުރުމުން އެފައިސާއިން ބޮޑު ޕްރޮޖެކްޓެއް ހިންގިދާނެ ކަމަށް މަލީހު ވިދާޅުވިއެވެ.
އޭނާ ވަނީ ރައްޔިތުންގެ ޓެކްސް ފައިސާއަށް ޒިންމާދާރު ކުރުވުން އެއީ ރައްޔިތުން އެކަމާއިމެދު ވިސްނަންވާނެ ކަމެއްކަމަށް ވިދާޅުވެފައެވެ.
އެ ޚަބަރު ރީޓުވީޓް ކުރައްވަމުން "އެކްސް" ގައި އަބާން ވިދާޅުވީ، މަޖިލިސް އިންތިހާބު ކާމިޔާބު ކުރި ކެނޑިޑޭޓުން އުފާ ފާޅު ކުރުމަށް ކުރާ ކަންކަމަކީ އެ ކެނޑިޑޭޓެއް އަމިއްލައަށް އަމިއްލަ ހަރަދުގައި ކުރާ ކަންކަން ކަމަށެވެ. އަދި ދޮގު ވާހަކަ ފަތުރާގެން ރައްޔިތުންގެ ހިތުގަ ނަފްތަރު އުފެއްދި ޒަމާން މާޒީވެއްޖެ ކަމަށާއި އެއަށްވުރެ ދިވެހީން މިހާރު ހޭލުންތެރިވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
އިންތިހާބުގެ ކާމިޔާބީ ފާހަގަކުރަން ކަމަށް ބުނެ އެންމެ ފުރަތަމަ ހަވާ އެރުވީ މާލޭގައެވެ. މީގެ އިތުރުން ރޭ ވަނީ ވ. ކެޔޮދޫގައި ހަވާ އަރުވައިފައެވެ. އަދި ޅ. ހިންނަވަރާއި، ލ. އަތޮޅު، ހދ. ކުޅުދުއްފުށި އިތުރުން ހުޅުމާލޭގައި ވެސް ވަނީ ހަވާ އަރުވާފައެވެ.



