ވެހިކަލް ޕާކުކުރަން ހުޅުމާލޭން ހަމަޖެއްސި 42،132.05 އަކަފޫޓުގެ ބިން ޓްރާންޕޯޓު މިނިސްޓްރީ އާއި ހަވާލުކޮށްފި އެވެ.
މިނިސްޓްރީން ބުނާ ގޮތުގައި މި ބިން ޚާއްޞަކުރެވިފައިވަނީ މާލެ އޭރިއާގައި ރަޖިސްޓްރީނުކޮށް އަދި އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކަށެވެ. މި ބިމުގައި ޕާކުކުރާ އުޅަނދުތައް 6 މަސްދުވަހުގެ ތެރޭގައި ރަޖިސްޓްރީކޮށް ނުވަތަ ރަޖިސްޓްރީކޮށްފައިވާ ޒޯނަކަށް ގެންދަންޖެހޭނެ ކަމަށް މިނިސްޓްރީން އަންގާފައިވެއެވެ.
އަދި މިނިސްޓްރީން އިތުރަށް ބުނާ ގޮތުގައި، މި ބިން ބޭނުންކުރާނެ ގޮތުގެ އުޞޫލާއި ހުޅުވާލާނެ ތާރީޚް އިޢުލާންކުރާނެއެވެ. މިއީ މާލެފަހި ޕްރޮގްރާމްގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދުގެ މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމަށް ހިންގޭ މަސައްކަތެއް ކަމަށް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.
މި ފިޔަވަޅަކީ މާލޭގެ މަގުތަކުގައި ދިމާވެފައިވާ ޕާކިންގގެ ދަތިކަމަށް ވަގުތީ ހައްލެއް ހޯދުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ބެލެވެއެވެ.



