އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދޭނަމަ އީރާނަށް ރައްދު ހަމަލާ ދޭނެކަމުގެ އިންޒާރު ސައުދީން ދީފި

އައިޝަތު ރުވާ ރިފްޢަތު | 2 ގަޑިއިރު ކުރިން - 1 މާރިޗް 2026 17:38
ކުއްލި ހަބަރު---
ކުއްލި ހަބަރު---
ޚުލާސާ

ސައޫދީން ބުނެފައިވަނީ އެގައުމުގެ ސަރަހައްދުގެ ތެރޭގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް އަމާޒުކޮށް ދެވޭ ކޮންމެ ހަމަލާއަކީ އެގައުމުގެ ސަލާމަތަށް އޮތް ނުރައްކަލެއް ކަމުގައި ބަލާނެ ކަމަށް.

ސައުދީ އަރަބިއްޔާގައި ގާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ދެމުންދާ ހަމަލާތައް ހުއްޓާނުލައިފިނަމަ، އީރާނަށް ސީދާ ރައްދު ހަމަލާ ދޭނެ ކަމުގެ ވަރުގަދަ އިންޒާރެއް ސައުދީ ސަރުކާރުން މިއަދު ދީފި އެވެ.

މިކަން ހާމަކޮށްފައިވަނީ މެދުއިރުމަތީގެ މަސްލަހަތު އިންތިހާއަށް ގޯސްވެ، ހަނގުރާމައެއްގެ ބިރު ހީވެފައިވާ ދަނޑިވަޅެއްގައެވެ. ސައުދީ އަރަބިއްޔާގެ ރަސްމީ ފަރާތްތަކުން ބުނެފައިވަނީ، އެ ގައުމުގެ ސަރަހައްދުގެ ތެރޭގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް އަމާޒުކޮށް ދެވޭ ކޮންމެ ހަމަލާއަކީ ސައުދީގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމުގައި ބަލާނެ ކަމަށެވެ. އަދި މިފަދަ ހަމަލާތައް ތަކުރާރުވާނަމަ، އޭގެ ޒިންމާ އީރާނުން އުފުލަންޖެހޭނެ ކަމަށާއި، ސައުދީ އަސްކަރިއްޔާއިން އީރާނަށް ރައްދު ހަމަލާ ދިނުމަށް ފަސްނުޖެހޭނެ ކަމަށްވެސް އެ ގައުމުން ވަނީ ބުނެފަ އެވެ.

މި އިންޒާރު ދީފައިވަނީ އިސްރާއީލުން އީރާނުގެ ބައެއް ސަރަހައްދުތަކަށް ވައިގެ މަގުން ހަމަލާދީ، ތެހެރާން ހިމެނޭހެން ބޮޑެތި ސިޓީތަކުގައި ގޮވުންތަކުގެ އަޑު އިވިފައިވާ ވަގުތެއްގައެވެ. ސައުދީން ބުނާ ގޮތުގައި އެ ގައުމުގެ ބިމަކީ އެހެން ގައުމުތަކުގެ ކޯޅުންތަކުގެ މައިދާނަކަށް ވުމަށް އެ ގައުމުން ބޭނުމެއް ނުވެއެވެ. އަދި އެ ގައުމުގެ އިސްތިގުލާލާއި ރައްކާތެރިކަން ދެމެހެއްޓުމަކީ އެންމެ އިސް ވާޖިބު ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.

މި މައްސަލައިގައި އީރާނުން އަދި ރަސްމީކޮށް އެއްޗެއް ބުނެފައިނުވި ނަމަވެސް، ސަރަހައްދީ ބާރުތަކުގެ މެދުގައި އުފެދިފައިވާ މި ނުތަނަވަސްކަމުގެ ސަބަބުން ބައިނަލްއަގުވާމީ މުޖުތަމައު އޮތީ ކަންބޮޑުވުމެއްގެ ތެރޭގައެވެ. ހާއްސަކޮށް، ސައުދީ ފަދަ އިގްތިސާދީ ގޮތުން މުހިންމު ގައުމަކުން މިފަދަ ހަރުކަށި އިންޒާރެއް ދިނުމަކީ މަސްރަހު އިތުރަށް ގޯސްވެދާނެ ކަމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.

ދުނިޔޭގެ ބޮޑެތި ބާރުތަކުން މިހާރު އަންނަނީ ދެ ގައުމުގެ މެދުގައި އުފެދިފައިވާ މި ނުތަނަވަސްކަން ކުޑަކޮށް، ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމަށް ގޮވާލަމުންނެވެ. އެހެންނަމަވެސް، ހަމަލާތައް ހުއްޓުމަކަށް ނައިސް ކުރިއަށްދާނަމަ، މުޅި ސަރަހައްދަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށް ބެލެވެ އެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%