ހަނގުރާމައާ ގުޅިގެން ކާބޯތަކެތި ލިބުމުގައި ދަތިކަމެއް ނާންނާނެ: ސަރުކާރު

އައިޝަތު ރުވާ ރިފްޢަތު | 2 ގަޑިއިރު ކުރިން - 28 ފެބްރުއަރީ 2026 00:59
ދިވެހި ގައުމީ ދިދަ. / ފޮޓޯ: ޚުލާސާ
ދިވެހި ގައުމީ ދިދަ. / ފޮޓޯ: ޚުލާސާ
ޚުލާސާ

މުދާ އެތެރެކުރުމުގައި ދަތިތަކެއް ކުރިމަތިވެދާނެ ހާލަތަކަށް ތައްޔާރުވުމުގެ ގޮތުން، މުދާ ހޯދޭނެ އެހެނިހެން މާކެޓުތައް ހޯދުމުގެ މަސައްކަތްވެސް މިނިސްޓްރީން ދަނީ ކުރަމުން.

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ރާއްޖެއަށް ބޭނުންވާ ޒަރޫރީ ކާބޯތަކެއްޗާއި އަސާސީ މުދާ މެދުކެނޑުމެއްނެތި ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަން ސަރުކާރުން މިއަދު ދީފިއެވެ.


މިކަމާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓްރީން ބުނީ، މެދުއިރުމަތީގެ މަސްރަޙަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ސަޕްލައި ޗެއިނަށް ދިމާވެދާނެ ގޮންޖެހުންތައް ދައުލަތުގެ ކަމާގުޅުންހުރި ހުރިހާ މުއައްސަސާތަކަކާ ގުޅިގެން ވަރަށް ގާތުން މޮނިޓަރ ކުރަމުންދާ ކަމަށެވެ. ޚާއްޞަކޮށް ބައިނަލްއަޤުވާމީ މުދާ އުފުލުމުގެ ނިޒާމަށް އަތުވެދާނެ ލޮޅުންތަކާއި، ރާއްޖެއަށް އާންމުކޮށް މުދާ އެތެރެކުރާ މާކެޓުތަކާއި ރޫޓްތަކަށް ދިމާވެދާނެ ދަތިތައް ދެނެގަތުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ސަރުކާރުން ހާމަކުރި ގޮތުގައި، މި ދަނޑިވަޅުގައި އެންމެ ބޮޑު އިސްކަމެއް ދެނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ މުދަލުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށެވެ. މިގޮތުން، މުދާ އެތެރެކުރުމުގައި ދަތިތަކެއް ކުރިމަތިވެދާނެ ހާލަތަކަށް ތައްޔާރުވުމުގެ ގޮތުން، މުދާ ހޯދޭނެ އެހެނިހެން މާކެޓުތައް ހޯދުމުގެ މަސައްކަތްވެސް މިނިސްޓްރީން ދަނީ ކުރަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ ރާއްޖެއަށް ބޭނުންވާ މުހިންމު ބާވަތްތަކުގެ ސްޓޮކް ހުސްނުވެ ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި، ސަރުކާރުގެ މުއައްސަސާތަކާއި އަމިއްލަ ވިޔަފާރިތަކާ ގުޅިގެން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅާނެ ކަމުގެ ޔަގީންކަން ދީފައެވެ.

މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ސަރުކާރުގެ އަބަދުވެސް އަމާޒަކީ ރާއްޖޭގެ އިގުތިޞާދީ ހަމަޖެހުން އިސްކޮށް، ބައިނަލްއަޤުވާމީ ގޮތުން ކުރިމަތިވާ މިފަދަ ގޮންޖެހުންތަކުގެ އަސަރު ރައްޔިތުންނަށް ނުކުރާނެހެން ކަންކަން ތަރުތީބު ކުރުން ކަމަށެވެ. އެހެންކަމުން، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމުގައި ސަރުކާރުން އެއްވެސް ދުލެއް ނުދޭނެ ކަމަށްވެސް ބުނެފައިވެއެވެ.


Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%