އައްޑޫ ސިޓީއަށް ކުރަމުންދާ ވިއްސާރައިގައި އެ ސިޓީގައި ފެންބޮޑުވެ ގެއްލުން ލިބުނު ގެތަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.
އެންޑީއެމްއޭއިން ބުނީ އައްޑޫ ސިޓީއަށް ކުރަމުން އަންނަ ވިއްސާރައިގައި 40 އަށްވުރެ ގިނަ ގޭގެއަށް އަސަރުކުރުމުން އެގޭގައި ދިރިއުޅޭ ފަރާތްތަކަށް އެހީތެރިވުމަށްޓަކައި އަވަށު އޮފީހާއި އެމްއެންޑީއެފް އިން ހަރަކާތްތެރިވެފައިވާކަމަށެވެ.
އެންޑީއެމްއޭއިން ބުނީ ވިއްސާރައިގައި ލިބުނު ގެއްލުމުގެ ސަބަބުން ޖުމްލަ 5 ގެއަކުން މީހުން ހުސްކުރަން ޖެހުނު ކަމަށެވެ. އެގޮތުން ވަގުތީ ބޯހިޔާވަހިކަމަށް 2 ގެއެއްގެ މީހުން ބަދަލުކޮށްފައިވާކަމަށާއި އެހެން ގެތަކުން ބަދަލުވީ އާއިލީ ގެތަކަށް ކަމަށް އެ އޮތޯރިޓީން މައުލޫމާތުދެއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފައިވަނީ އައްޑޫ ސިޓީއަށް މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 167.7 މިލިމީޓަރުގެ ވާރެ ވެހިފައިވާކަމަށެވެ. މިއީ މިއަހަރުގެ މިހާތަނަށް އައްޑޫއަށް އެންމެ ބޯކޮށް ވާރެ ވެހުނު 24 ގަޑިއިރު ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފައިވެއެވެ.
މުޅި ރާއްޖެއަށް ބަލާއިރުވެސް މިއަހަރު އެންމެ ބޯކޮށް ވާރެ ވެހުނު އެއް ސަރަޙައްދަށް އައްޑޫ ސިޓީ ވާއިރު، މީގެ ކުރިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ހުޅުލެއަށް ވަނީ 179 މިލިމީޓަރުގެ ވާރެ ވެހިފައެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނީ މިހާރު ކުރަމުން އަންނަ ވިއްސާރައަކީ ހުޅަނގުގައި އުފެދިފައިވާ ސާކިއުލޭޝަނާ ގުޅިގެން އުފެދޭ ވިލާގަނޑުގެ ސަބަބުން ކުރާ ވިއްސާރައެއް ކަމަށާއި މި ދުވަސްވަރަކީ ދެ މޫސުންވެސް ބެދޭ ދުވަސްވަރެއް ކަމަށެވެ.



