ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމްގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅޭ މިއަދުގެ ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފިއެވެ.
މި ނިންމުން ނިންމާފައިވަނީ އާންމު ހާމަކަން ބޮޑު ގޮތެއްގައި ޝަމިމަށް ދީފައިވާ ޖަވާބުދާރީ ވުމުގެ ފުރުސަތު ލައިވް ކުރުމަށް ޕީޖީ އޮފީހުން އޭނާ އެދިފައި ވަނިކޮށެވެ.
ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް ވަނީ ބައްދަލުވުން ފެށުމާއެކު އެއީ ސިއްރު ކުރަންޖެހޭ ބައްދަލުވުމެއް ކަމަށް ބުނެ ވަކާލާތު ކޮށްފައެވެ. ބައެއް ފަރާތްތަކުގެ ޒާތީ މައުލޫމާތު ހިމެނޭ ކަމަށް ބުނެ މައްސަލައިގެ ނާޒުކުކަން ފާހަގަކުރައްވަމުންނެވެ.
މި ނިންމުމަކީ ކުރިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނެރުނު ބަޔާނާ ހިލާފަށް މަޖިލީހުން ނިންމި ނިންމުމެކެވެ.
ޕީޖީ ޝަމީމް ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުވެ، އެ ހުށަހެޅުމާ ގުޅޭ ސުވާލުތަކަށް ޖަވާބުދާރީވުމަށް މީގެކުރިން އޭނާއަށް 5 ދުވަސް ދިނެވެ. މިއަދުގެ ބައްދަލުވުން ސިއްރު ކުރުމުން މިމައްސަލައިގެ ހަގީގަތް އާންމުންނަށް ސާފުވުމަކީ ދަތިކަމަކަށް ވާނެއެވެ.
ހުސައިން ޝަމީމްގެ މައްޗަށް އުފުލާފައިވާ މުހިންމު ތުހުމަތުތަކުގެ ތެރޭގައި ހިމެނެނީ؛
- ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ތުހުމަތު ކުރެވި ތަހުގީގުކޮށް ނިމިފއިވާ ޖިންސީ ގޯނާގެ މައްސަލަ ޝަމީމުއާއި ހަމަޔަށް ދިޔުމުން އެމައްސަލަ "ލައްޕާލުން"
- ގާނޫނީ ގޮންޖެހުންތަކާ އެކު ވެސް ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް މަގާމުގައި ދެމިހުރުމުގެ ހުއްދަ ދިނުން.
- ސަފާރީއެއްގައި ބިދޭސީއަކު ރޭޕްކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އިސްތިއުނާފު ނުކުރުމަށް ނިންމީ، ޝަމީމުއާ އެމްޑީޕީއާ އޮންނަ ގުޅުމުގެ ސަބަބުން ކަމަށް ވުން
- މިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ރިޒާގެ މައްޗަށް އުފުލާފައިވާ ހިއުމަން ޓްރެފިކިންގެ ދައުވާ އަނބުރާ ގެންދިއުމަށް ޝަމީމް ނިންމުން
- ބަނގުރަލާ ގުޅުންހުރި 77 މައްސަލައެއް އަނބުރާ ގެންދިޔުން
- އެއްޖިންސުން ގުޅުން ހިންގުމާ ގުޅޭ މައްސަލަތައް އަނބުރާ ގެންދިއުމެވެ.
- ދައުލަތަށް ބޮޑު ގެއްލުމެއް ލިބުނު ވެންޓިލޭޓަރުގެ މައްސަލައިގައި ދައުވާ ނުކުރުމަށް ނިންމުން
- ޕީޖީ އޮފީހުގެ ތެރޭގައި މުވައްޒަފުންނާ މެދު ތަފާތުކުރުންތައް ގެންގުޅުން
މި އަމަލުތަކުގެ ސަބަބުން ޝަމީމްގެ ސުލޫކާއި މެދު ގިނަ ބައެއްގެ ކަންބޮޑުވުން އުފެދިފައިވާއިރު، ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމުގައި ދެމިހުރުމަށް އޭނާ ފިޓްތޯ ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ. ޖުޑިޝަރީ ކޮމިޓީގެ އިއްތިފާގުން މި މައްސަލަ ބެލުމަށް ނިންމާފައިވާއިރު، މިއީ ޝަމީމް މަގާމުން ވަކިކުރުމަށް މެދުވެރިވެދާނެ ފިޔަވަޅެކެވެ.
މީގެ އިތުރުން ޕީޖީ ފަދަ އަބުރުވެރި މަޤާމެއްގައި ހުރެ އަމިއްލަފުޅަށް ބަނގުރަލުގައި އަތްލައި އެތަކެތި ގެންގުޅެ އަމިއްލަފުޅު ސޯޝަލްމީޑިއާ އެކައުންޓަށް އެތަކެތި އަޕްލޯޑްކޮށްފައިވާކަން ފާހަގަ ކުރވެއެވެ.
މި ތުހުމަތުތަކުން ދައްކުވައިދެނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ ނަޒާހަތްތެރިކަމެއް ނެތް މިންވަރެވެ. މި މުހިންމު މައްސަލައިގައި ޖުޑިޝަރީ ކޮމިޓީން ސިއްރުކޮށްގެން މިއަދު މަޝްވަރާ ކުރަމުންދާއިރު، އަދުލު އިންސާފުގެ ނިޒާމަށް އާންމުންގެ އިތުބާރު އަލުން ހޯދުމަށް ހުސައިން ޝަމީމް މަގާމުން ވަކިވާން ޖެހޭ ކަމުގެ އިހުސާސް ދަނީ ބޮޑުވަމުންނެވެ.



