ރާއްޖޭގެ ރިޒާވްއާ ބެހޭ ގޮތުން އޮންލައިން ނޫހެއްގައި "ބޭނުން ކުރެވޭ ޑޮލަރު ރިޒާވް ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ހުސްވެއްޖެ" ކަމަށް ބުނެ ދައުރުކުރަމުން އަންނަ ޚަބަރަކީ ޙަޤީޤަތާއި ޚިލާފު ޚަބަރެއް ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެެފިއެވެ.
އެމްއެމްއޭއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ރިޒާވްގެ މަޢުލޫމާތު މިހާރެކޭ އެއްގޮތަށް އެ އޮތޯރިޓީން ދާނީ މަހުންމަހުން ބަރާބަރަށް ޝާއިޢުކުރަމުން ކަމަށެވެ.
އެމްއެމްއޭއިން ބުނީ ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް ޖުލައި މަސް ނިމުނު އިރު ހުރި މިންވަރަށްވުރެ އޮގަސްޓް މަހުގެ ނިޔަލަށް އިތުރުވެގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެގޮތުން މިފަދަ ކަންތައްތަކާއި ގުޅޭ ޚަބަރުތައް ޙަޤީޤަތާއި ޚިލާފަށް ގެނެސްދިނުމަކީ އެ އޮތޯރިޓީން ނުހަނު ކަންބޮޑުވާކަމެއް ކަމަށް އެމްއެމްއޭއިން ބުންޏެވެ.
އެމްއެމްއޭގެ ގަވަރުނަރު، އަހުމަދު މުނައްވަރު މަޤާމާއި ޙަވާލުވެވަޑައިގެންނެވި ހިސާބުން ފެށިގެން ރާއްޖޭގެ އިޤްތިސާދީ އަދި މާލީ ޙާލަތު ރަނގަޅު ކުރުމުގެ މަޤުސަދުގައި މިނިސްޓްރީތަކާއި، ޚާއްސަ ގޮތެއްގައި ފިނޭންސް މިނިސްޓްރީއާ އެކު ގެންދަނީ މަސައްކަތް ކުރައްވަމުންނެވެ. އެމްއެމްއޭއިން ވަނީ މި އެއްބާރުލުމާއެކު، މަސައްކަތުން ހެޔޮ ނަތީޖާތަކެއް ލިބެމުންދާ ކަމަށާއި، ރާއްޖޭގެ މާލީ ނިޒާމަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެހީތެރިވެދޭނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. އެގޮތުން، ޤައުމުގެ އިޤްތިސާދީ އަދި މާލީ ޙާލަތަށް އަންނަ ހެޔޮ ބަދަލުތަކާއި ގުޅިގެން، ރާއްޖޭގެ ރިޒާވަށް މި މަހު ކުރިއެރުންތަކެއް އަންނާނެ ކަމަށް ބެލެވޭކަމަށް މުނައްވަރު ވިދާޅުވިއެވެ.



