އިސްލާމް ދީނާ ޚިލާފު ނުވާގޮތަށް ހެދުން އަޅާނަމަ، އެމީހަކު އަޅާފައި ހުންނަ ހެދުމެއްގެ ސަބަބުން ވަޒީފާ ދިނުމުގައި އަދި ވަޒީފާ އަދާކުރުމުގައި އެއްވެސް ތަފާތެއް ކޮށްގެން ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވެފައި މިވަނީ ދ. ހުޅުދެލި މެޖިސްޓްރޭޓް ކޯޓުގެ ވަޒީފާއަކަށް ކުރިމަތިލި އަންހެނަކު މޫނު ބުރުގާ އަޅާތީ އޭނާ ޑިސްކޮލިފައި ކޮށްފައިވާ މައްސަލައެއް ފެންމަތިވުމުން އެކަމާ ގުޅިގެންނެވެ.
ޑީޖޭއޭއާ ޙަވާލާދީ އޭނާ ޑިސްކޮލިފައިކޮށް ކޯޓުން ފޮނުވި އީމެއިލްގައި ބުނެފައިވަނީ ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011ގެ 129 ވަނަ މާއްދާގައި މުވައްޒަފުން މަސައްކަތު ގަޑީގައި ހެދުން އަޅާފައި ހުންނަންވާނީ ކާކުކަން ރަނގަޅަށް އެނގޭފަދަ ގޮތެއްގައި ކަމަށް ބަޔާންކޮށްފައިވާތީ، ކެނޑިޑޭޓަކީ މޫނު ބުރުގާ އަޅާ ފަރާތެއްކަން ކަށަވަރު ކުރުމަށްފަހު މޫނު ބުރުގާ އަޅާނަމަ ރެކްރޫޓްމަންޓް ޕްރޮސެސް ކުރިއަށް ގެންދަން ނުފެންނަ ކަމުގައި ދަންނަވާކަމަށެވެ.
މިކަމާ ގުޅޭ ގޮތުން ރައީސް މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ތަފާތުކުރުން ގެނުވާ ގޮތަށް ކުރީގައި ހަދާ އަދިވެސް ޢަމަލުކުރަމުންދާ ހުރިހާ ޤަވާޢިދުތަކާއި އުސޫލުތައް ބަދަލުކުރުމަކީ ކުރަންޖެހޭ ކަމެއް ކަމަށާއި އެކަން ކުރުމަށް ކަމާ ބެހޭ ފަރާތްތަކަށް މިހާރު އަންގަވާފައިވާ ކަމަށެވެ.
ރައީސް ވަނީ މި މުޖުތަމަޢަކީ ހުރިހާ މާނައެއްގައި ޢަދުލުވެރިކަމާއި އިންސާފުވެރިކަން އިސްކުރާ މުޖުތަމަޢަކަށް ހަދަން އެންމެން ޢަޒުމް ކަނޑައެޅުމަށް އިލްތިމާސްކުރައްވާފައެވެ.
މި މައްސަލައާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުވެސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މޫނު ބުރުގާ އެޅުމަކީ ވަޒީފާއިން މަޙުރޫމްވާން ޖެހޭނެ ކަމެއް ނޫން ކަމަށާއި، ތަހުޒީބު މުޖުތަމަޢެއް ބިނާކުރެވޭނީ އެންމެންނަށް ޙައްޤުތައް ދީގެން ކަމަށެވެ. އަދި ތަޢުލީމީ ގިނަ އަންހެން ބޭފުޅުންތަކެއް މޫނު ބުރުގާ އަޅާފައި ތިބޭ ކަމަށާއި، އެ ފަރާތްތަކުގެ ވަޒީފާގެ ޙައްޤު ސިވިލް ސަރވިސް ކޮމިޝަނުން ކަށަވަރު ކުރަން ޖެހޭނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.



