ގދ. ގައްދޫގައި ބޭސް ބޭނުންކޮށްގެން ބުޅާ މަރާ މައްސަލައެއް ފެންމަތިވެއްޖެއެވެ.
އެރަށު ކައުންސިލުން ވަނީ އެ މައްސަލަ ބޮޑުވެގެން އެކަން ނުކުރުމަށް އަންގާފައެވެ.
ގައްދޫ ކައުންސިލުން ގެޒެޓުގައި ކުރި ޢިއުލާނެއްގައި ބުނީ އެ ރަށުގައި ބޭސް ބޭނުންކޮށްގެން ބުޅާ މަރާ މައްސަލަ ކައުންސިލަށް ފާހަގަވެފައިވާ ކަމަށާއި، ރަށުގެ ބޭރު މަގާއި ރަށުގެ އެކި ދިމަ ދިމާލުން މަރުވެފައިވާ ބުޅަލާއި ކާޅުތައް މިދިޔަ ހަފްތާގައި ފެނިފައިވާ ކަމަށެވެ.
މިކަމުގެ ސަބަބުން އާންމުންނަށް އުނދަގޫވާތީ އެކަމުގެ ޝަކުވާ ކައުންސިލަށް ލިބެމުން އަންނަ ކަމަށްވެސް ޢިއުލާނުގައި ބުނެފައިވެއެވެ.
ގައްދޫ ކައުންސިލުން ބުނީ މި ދުވަސްވަރަކީ ރާއްޖެ ސަރަޙައްދަށް ވިއްސާރަ ދުވަސްވަރަކަށް ވެފައި، އެކަމުގެ ސަބަބުން ބަލިމަޑުކަމެއް ފެތުރުމުގެ ބިރު އޮތުމުން އެކަން އެގޮތަށް ނުކުރުމަށް އާންމުންނަށް އިލްތިމާސްކުރާ ކަމަށެވެ.
މި މައްސަލަ ފެންމަތިވެފައި މިވަނީ މާލޭގައި ބިދޭސީއަކު ބުޅާ މަރައިގެން އޭގެ މަހުން ކާތަކެތި ތައްޔާރުކޮށް ވިއްކި މައްސަލައެއް ފެންމަތިވެފައިވަނިކޮށެވެ. މި މައްސަލައިގައި ތުހުމަތުވާ ބިދޭސީ މީހާ ފުލުހުން ހައްޔަރުކޮށް، މިހާރު ވަނި އިމިގްރޭޝަނާ ޙަވާލުކޮށްފައެވެ.



