ބަންގްލަދޭޝްގައި މިހާރު ކުރިމަތިވަމުންދާ ސައިކްލޯން ރެމަލް އާއި ފެންބޮޑުވުމުގެ ކާރިސާއިން 8 މިލިއަނަށްވުރެ ގިނަ މީހުންނަށް އަސަރުކޮށްފައިވާކަމަށް ޔުނިސެފްގެ ރިޕޯޓެއްގައި ބުނެފައިވެއެވެ.
ޔުނިސެފްގެ ރިޕޯޓުގައިވާ ގޮތުން، މި ކާރިސާގެ ސަބަބުން ޖުމްލަ 8.34 މިލިއަން މީހުންނަށް އަސަރުކޮށްފައިވެއެވެ. މީގެ ތެރޭގައި 4.19 މިލިއަން އަންހެނުންނާއި، 3.2 މިލިއަން ކުޑަކުދިން (0-19 އަހަރާ ދެމެދު) އަދި 113,710 ނުކުޅެދުންތެރިކަން ހުންނަ މީހުން ހިމެނެއެވެ.
26 މެއި 2024 ގައި ބަންގްލަދޭޝްގައި ޖެހުނު ސައިކްލޯން ރެމަލްގެ ސަބަބުން 4.6 މިލިއަން މީހުންނަށް އަސަރުކޮށް، 18 މީހުން މަރުވެފައިވާއިރު، 1.3 މިލިއަން މީހުންނަށް ކުއްލި އެހީ ބޭނުންވެފައިވާކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި 30 މެއިން ފެށިގެން އުތުރު-އިރުމަތީ ސަރަޙައްދުތަކުގައި ފެންބޮޑުވުމުގެ ސަބަބުން 3.74 މިލިއަން މީހުންނަށް އަސަރުކޮށް، އެތައް މިލިއަން މީހުންގެ ދިރިއުޅުމަށް ނުރައްކާވެފައިވެއެވެ.
މި ކާރިސާގެ ސަބަބުން ބަންގްލަދޭޝްގައި އިޖްތިމާޢީ ހަމަނުޖެހުމެއް ކުރިމަތިވެ، އިންސާނީ އެހީގެ ހާލަތު ގޯސްވެފައިވާކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. ޚާއްޞަކޮށް އަންހެނުންނާއި ކުޑަކުދިންގެ ހާލަތު ވަކިން ނާޒުކުވެފައިވާކަން ފާހަގަކޮށްފައިވެއެވެ.
މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ކާނާގެ ދަތިކަމާއި، އެހީފޯރުކޮށްދިނުމުގައި ހުރި ހުރަސްތަކާއި މުވާޞަލާތު އަދި ވިލަރެސްކުރުމުގެ ދަތިތަކުގެ ސަބަބުން މަސައްކަތްތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވެއެވެ.
ފެން ބޮޑުވެ ކޯރުތައް ބަންޑުން ވުމުގެ ސަބަބުން އެހީ ފޯރުކޮށްދޭ ފަރާތްތަކުގެ ރައްކާތެރިކަމަށްވެސް ވަނީ ހުރަސް އެޅިފައެވެ. މި ހާލަތުގައި، އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށް އެކަށީގެންވާ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ވަރަށް މުހިއްމު ކަމެއްކަމަށް ޔުނިސެފްއިން ބުނެފައިވެއެވެ.
ގޭގެއާއި އިމާރާތްތަކުގެ އިތުރުން، ބައެއް ސަރަޙައްދުތަކުގެ މަގުތަކާއި، ދަނޑުބިންތަކާއި އަދި ކޯރުތައް ވަނީ ފެންބޮޑުވެ، ބޭނުންނުކުރެވޭ ހާލަތަކަށް ގޮސްފައެވެ. މީގެ އިތުރުން، ކާބޯތަކެތީގެ ޚިދުމަތާއި، ސާފު ބޯފެން ލިބުމާއި، އަދި ޞިއްޙީ ޚިދުމަތްތައް ހޯދުމަށް ދަތިތަކެއް ކުރިމަތިވެފައިވެއެވެ. އަދި ސްކޫލު އިމާރާތްތައްވެސް މިވަނީ ވަގުތީ ހިޔާވަހިކަން ފޯރުކޮށްދޭ މަރުކަޒުތަކަކަށް ބަދަލުކުރެވިފައެވެ.
ކުރިއަށް އޮތް ހަތަރު ދުވަހުވެސް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭތީ ހާލަތު އިތުރަށް ގޯސްވުމުގެ ފުރުސަތު އެބައޮތެވެ.



