މަރާމާތަށް ބަންދުކުރި ޖުމްހޫރީ މައިދާން ވަގުތީގޮތުން ހުޅުވާލައިފި އެވެ.
މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްގެން ސަރުކާރުން ކުރިއަށްގެންދާ މި މަސައްކަތުގެ ގާތްގަނޑަކަށް %90 މިހާރު ވަނީ ނިމިފައެވެ.
އާރުޑީސީން ބުނީ މުޅި މަޝްރޫއު އެއްކޮށް ނިންމައި ދާއިމީކޮށް ހުޅުވުން ލަސްވެފައިވަނީ ފްލޯރިންއަށް ބޭނުންވާ ބައެއް ސާމާނު ރާއްޖެއިން ބޭރުން ގެނައުމުގައި ދިމާވި ދަތިތަކަކާ ގުޅިގެން ކަމަށެވެ.
ނަމަވެސް، ރަމަޟާން މަހަކީ ގިނަ ބަޔަކު ހިތްފަސޭހަކޮށްލުމަށް މި މައިޒާން ބޭނުންކުރާ ދުވަސްވަރަކަށް ވާތީ، އާންމުންގެ ލުއިފަސޭހައަށްޓަކައި މިވަގުތު އެ ސަރަހައްދު ހުޅުވާލަން ނިންމީ ކަމަށް ބުންޏެވެ.
ޖުމްހޫރީ މައިދާން ސަރަހައްދު ހުޅުވާލި ނަމަވެސް، ވިނަ ހެއްދުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ސަރަހައްދުތައް ހުރީ ބަންދުކޮށްފައެވެ. އެހެންކަމުން، އެ ސަރަހައްދުތަކަށް ނޭރުމަށާއި، އެ ތަންތަނަށް ރައްކާތެރިވުމަށް އާރުޑީސީން ވަނީ އިލްތިމާސްކޮށްފައެވެ.
ޖުމްހޫރީ މައިދާން ހުޅުވާލައިފައިވަނީ ޒަމާނީ އަދި ހިތްގައިމު ބަދަލުތަކަކާ އެކުގައެވެ. އެގޮތުން ކުރީގެ ކޮންކްރީޓް ތަޅުންގަނޑު ބަދަލުކޮށް، ކޮންކްރީޓް ބުރުތަކުގެ ބަދަލުގައި ލަކުޑި ބެންޗުތަކެއް ވަނީ ބަހައްޓާފައެވެ.









