ރާއްޖޭގައި ޗިކުންގުންޔާ ފެތުރޭ މިންވަރު އިތުރުވަމުން އަންނާތީ ސަމާލުވުމަށް ހެލްތު މިނިސްޓަރ ޑރ އަބްދުﷲ ޚަލީލް އިލްތިމާސްކުރައްވައިފިއެވެ.
މިނިސްޓަރ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގައި ޗިކުންގުންޔާ ފެތުރޭ މިންވަރު އިތުރުވަމުން އަންނަކަމަށާއި، މި މަހު އެކަނި މި ބައްޔަށް މާލެ ސަރަޙައްދުން 59 މީހަކު ޕޮޒިޓިވްވެފައިވާކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ކުރިއަށް އޮތީ ވިއްސާރަ މޫސުންކަމުން، މި ބަލިން ރައްކާތެރިވުމަށް ޚާއްސަ ފިޔަވަޅުތަކެއް ނާޅައިފިނަމަ ބަލި ފަތުރާ މަދިރި އުފެދޭ މިންވަރު އިތުރުވެގެންދާނެ ކަމަށެވެ. އަދި ޗިކުންގުންޔާއާއި ޑެންގޫ ފަދަ މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތަކުން ރައްކާތެރިވުމަށް އޮތް އެންމެ ފަސޭހަގޮތަކީ މަދިރި އާލާވާ ތަންތަން ނައްތާލުންކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ އެކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސްކުރައްވާފައެވެ.
ޗިކުންގުންޔާގެ އަލާމާތްތަކުގެ ތެރޭގައި:
- 39 ޑިގްރީ ސެލްސިއަސްއަށް ހުން ގަދަވުން
- ގަދައަށް ބޮލުގައާއި ގައިގައި ރިއްސުން
- ހުޅުހުޅުގަ ރިއްސުން
- ބަނޑުގައި ރިއްސުމާއި، މޭ ނުބައިކޮށް ހޮޑުލެވުން
- ގާގައި ރަތް ބިހިތަކެއް ނެގުން (ރޭޝް)
ޗިކުންގުންޔާ ޖެހުމުން ރައްކާތެރިވުމަށްޓަކައި މަދިރި އާލާވާފަދަ ތަންތަނާއި ތަކެތި ނައްތާލުމާއި މަދިރި ހެފުމުން ރައްކާތެރިވުމަށް ޚާއްސަ ސަމާލުކަމެއް ދޭން ޖެހެއެވެ. އެގޮތުން ވީހާވެސް ބޮޑަށް ހަށިގަނޑު ނިވާވާގޮތަށް ފޭރާން ލުމާއި، ކުޑަދޮރު ފަދަ ތަންތަނުގައި މަދިރި ދާ ޖެހުމާއި، މަދިރި ގިނަވާ ވަގުތުތަކުގައި ދޮރާއި ކުޑަދޮރުތައް ލެއްޕުމާއި، މަދިރި ހެފުމުން ރައްކާތެރިވުމަށް މަދިރި ލޯޝަން ބޭނުންކުރުން ހިމެނެއެވެ.
މީގެ އިތުރުން ޗިކުންގުންޔާ ޖެހިއްޖެ ނަމަ ބައްޔަށް ފަރުވާކުރުމަށްޓަކައި ގިނަގިނައިން ދިޔާ އެއްޗެހި ބޭނުންކުރުމާއި، އަރާމުކުރުމާއި، ހަށިގަނޑަށް ފައިދާހުރި ކާނާ ބޭނުންކުރުމަށް ސިއްހީ މާހިރުން ލަފާދެއެވެ.



