ސަޢުދީ ފަންޑުގެ އެހީގައި އިތުރު ފަސް ރަށެއްގައި އައިސްޕްލާންޓް އަޅާނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ކުރި އިއުލާނުގައިވާގޮތުން އައިސް ޕްލާންޓް އަޅަން ނިންމާފައިވަނީ ހއ. ދިއްދޫ އާއި، އއ. ރަސްދޫ އާއި، ގދ. ރަތަފަންދޫ އާއި، ހއ. އިހަވަންދޫގެ އިތުރުން ށ. ކޮމަންޑޫގައެވެ. އެ ރަށްތަކުގައި ހެދުމަށް ނިންމާފައިވަނީ 50 ޓަނުގެ އައިސް ޕްލާންޓްތަކެވެ.
މި ރަށްތަކުގައި އައިސްޕްލާންޓް އެޅުމަށް ނިންމާފައިވަނީ ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ އެހީގައެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އިންޓަނޭޝަނަލް ބިޑިން އުސޫލުން ކަމަށެވެ. އެ ބީލަމުގައި ބައިވެރިވުމަށް 100 ޑޮލަރުގެ ނަން-ރިފަންޑަބަލް ފީއެއް ނަގާއިރު އެ ފައިސާ ބަލައިގަންނާނީ މާދަމާއިން ފެށިގެން އޮކްޓޯބަރު މަހުގެ 15 ގެ ނިޔަލަށް ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ. އަދި ބިޑް ސެކިއުރިޓީގެ ގޮތުގައި ދެ ލައްކަ ފަންސާސް ހާސް ރުފިޔާ ހުށަހަޅަން ޖެހެނެ ކަމަށްވެސް އެ މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވެއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ބީލަން ހުށަހެޅުން އޮންނާނީ އަންނަ މަހުގެ 20 ވަނަ ދުވަހު ކަމަށެވެ.
މިހާރުވެސް 11 ރަށެއްގައި އައިސްޕްލާންޓް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ އިރު އެ މަސައްކަތްވެސް ކުރަމުން އަންނަނީ ސައުދީ ފަންޑުގެ އެހީގެ ދަށުންނެވެ.



