ސަރުކާރުގެ މަސައްކަތްތަކާއި ގުޅޭ ފަހުގެ މަޢުލޫމާތު ހާމަކުރުމަށް ވަޒީރުންނާއެކު ކުރިއަށްގެންދާ "އަހާ"ގެ ދެވަނަ ފޯރަމް އަންނަ ދުވަހު ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
މި ފޯރަމަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ޕަބްލިކް ސަރވިސް މީޑިއާ ގުޅިގެން ކުރިއަށްގެންދާ ފޯރަމެކެވެ. މި ފަހަރުގެ ފޯރަމުގައި ބައިވެރިވަޑައިގަންނަވާ 5 ވަޒީރުންނަކީ:
- ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު: މުޙައްމަދު އަމީން
- ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު: ޢަލީ އިޙްސާން
- މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު: އަޙްމަދު ޝިޔާމް
- މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު: ޑރ މަރްޔަމް މާރިޔާ
- ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނިއްޔަތާއި ބެހޭ ވަޒީރު: އިބްރާހީމް ވަޙީދު
ވަޒީރުންގެ ޕަބްލިކް ފޯރަމަކީ ކޮންމެ ދެ މަހަކުން އެއް މަހު ބާއްވާގޮތަށް ނިންމާފައިވާ ފޯރަމެކެވެ. މީގެ ފުރަތަމަ ފޯރަމް ބާއްވާފައިވަނީ ޖަނަވަރީ މަހުގެ 25 ވަނަ ދުވަހުގެ ރޭ އެވެ.
މި ފޯރަމްގައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭ ގޮތުން ރައްޔިތުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން ރައްޔިތުންގެ ހުރި ސުވާލުތަކަށް ވަޒީރުން ޖަވާބުދެއްވާނެއެވެ.
ފޯރަމް އޮންނަ ތަނަށް ގޮސް ސުވާލުކުރުމުގެ އިތުރުން، ފޯނުން ގުޅައިގެންނާއި އެސްއެމްއެސްގެ ޒަރިއްޔާއިން އަދި ސޯޝަލް މީޑިއާ މެދުވެރިކޮށްވެސް ސުވާލު ފޮނުވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. އެސްއެމްއެސް މެދުވެރިކޮށް ސުވާލު ފޮނުވާނީ AH ޖެއްސެވުމަށްފަހު ހުސްތަންކޮޅެއް ދޫކުރެއްވުމަށްފަހު ކުރަން ބޭނުންވާ ސުވާލު ލިޔުއްވުމަށްފަހު 300 އަށެވެ.
ވަޒީރުންގެ ފޯރަމުގެ އިތުރުން ކޮންމެ ތިން މަހަކުން އެއް މަހު ސީދާ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ބައިވެރިވަޑައިގަންނަވާ، ރައްޔިތުންނަށް މަޢުލޫމާތު ފޯރުކޮށްދޭ ޚާއްސަ ފޯރަމެއްވެސް ސަރުކާރުން ބާއްވަމުން އަންނަ އިރު، އޭގެ ފުރަތަމަ ފޯރަމް ބާއްވާފައިވަނީ މިދިޔަ ފެބްރުވަރީ މަހުގެ 23 ވަނަ ދުވަހުއެވެ.



