ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމަށް ޙަމަލާ ދިން މައްސަލައިގެ ތަހުޤީޤު ނިންމާ، 7 މީހަކަށް ދަޢުވާކުރަން ފޮނުވައިފިއެވެ.
ޝަމީމަށް ޙަމަލާ ދީފައިވަނީ މިދިޔަ ޖަނަވަރީ މަހުގެ 31 ވަނަ ދުވަހު އޭނާ ދިރިއުޅޭ ގޭގެ ދޮރުމަތިންނެވެ. މަރުތޭލެއް ބޭނުންކޮށްގެން އޭނާ އަށް ޙަމަލާދީފައިވަނީ ސައިކަލެއްގައި އައި ދެ މީހެކެވެ. ޙަމަލާ ދިން އިރު އެ ދެމީހުން ތިބީ މޫނު ނިވާކޮށްގެންނެވެ.
ޝަމީމުގެ ވައަތުގެ މުލައްދަނޑިއަށް މި ޙަމަލާ އަމާޒުވެފައިވާއިރު، ވައަތު މުލައްދަނޑީގެ ކަށިގަނޑެއްގައި ރެނދެއް ވެސް ވަނީ ލާފައެވެ. އޭނާ އަށް ފަރުވާ ދީފައިވަނީ އޭޑީކޭ ހޮސްޕިޓަލުންނެވެ.
އެ ޙަމަލާއާ ގުޅިގެން 7 މީހަކު ހައްޔަރުކޮށް ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވާއިރު ފުލުހުން މިއަދު ބުނެފައިވަނީ މައްސަލައާ ގުޅިގެން ހަތްޔަރުކުރި 7 މީހުންގެ މައްސަލައިގެ ތަހުޤީޤު ނިންމާ، ދަޢުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. އެގޮތުން ދަޢުވާ ކުރުމަށް ޕީޖީ އޮފީހަށް އެ މައްސަލަ ފޮނުވައިފައިވަނީ މި މަހުގެ 18 ވަނަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ.



