ރަމަޟާން މަހުގެ ހަނދު ބެލުން މި މަހުގެ 17ގައި އޮންނާނެ

އައިޝަތު ރުވާ ރިފްޢަތު | 4 ގަޑިއިރު ކުރިން - 11 ފެބްރުއަރީ 2026 22:58
ހަނދު / ފޮޓޯ:ޚުލާސާ
ހަނދު / ފޮޓޯ:ޚުލާސާ
ޚުލާސާ

ހަނދު ބެލުމުގެ މަސައްކަތް އެ ދުވަހުގެ ހަވީރު 5:30 އިން ފެށިގެން ކުރިއަށް ދާނެކަމަށް ޑީޖޭއޭ ހާމަކުރި.

މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ހަނދު ބެލުމުގެ ރަސްމީ މަސައްކަތްތައް މި މަހުގެ 17 ވާ އާދީއްތަ ދުވަހު ކުރިއަށްދާނެ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ހާމަކޮށްފި އެވެ.

ޑީޖޭއޭ އިން ބުނި ގޮތުގައި، ހަނދު ބެލުމުގެ މަސައްކަތް އެ ދުވަހުގެ ހަވީރު 5:30 އިން ފެށިގެން ކުރިއަށް ދާނެ އެވެ. މި މުހިންމު މަސައްކަތަށްޓަކައި މާލޭގައި ހުންނަ ޑީޖޭއޭގެ އިދާރާގެ އިތުރުން، އަތޮޅުތަކުގެ ކައުންސިލް އިދާރާތަކާއި، ރަށު ކައުންސިލްގެ އިދާރާތަކާއި، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތައް އެ ވަގުތުގައި ހުޅުވާފައި ބެހެއްޓުމަށް ވަނީ ހަމަޖައްސަވާފަ އެވެ.

ހަނދު ފެނިގެން ހެކިބަސް ދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ހާއްސަ އިންތިޒާމުތަކެއް ވަނީ ރޭވިފަ އެވެ. އެގޮތުން މާލޭގައިނަމަ ކޯޓެއްގެ ގާޟީއެއްގެ ކުރިފުޅުމަތީގައި އަދި ރަށްރަށުގައިނަމަ މެޖިސްޓްރޭޓުންގެ ކުރިފުޅުމަތީގައި ހެކިބަސް ދެވޭނެ އެވެ. މެޖިސްޓްރޭޓަކު ނެތް ރަށެއްނަމަ، އެ ރަށެއްގެ ކައުންސިލް ހިންގުމާ ޙަވާލުވެ ހުންނެވި އިސްވެރިޔަކަށް ހެކިބަސް ދެވޭނެ ކަމަށްވެސް ޑީޖޭއޭ އިން ފާހަގަކުރި އެވެ.

ހަނދު ފެނިގެން މައުލޫމާތު ދޭއިރު، ހަނދު ހުރި މިސްރާބާއި އުސްމިން ފަދަ މުހިންމު ތަފްސީލުތައް ހިއްސާކުރަން ޖެހޭނެ އެވެ. އަދި ހަނދު ފެނިގެން ހެކިބަސް ދޭން އަންނަ ފަރާތްތަކުގެ ދަތުރުފަތުރުގެ ހަރަދު ދައުލަތުން ހަމަޖައްސައިދޭ ގޮތަށް ވަނީ ނިންމަވާފަ އެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން 3340828 ނަންބަރު ފޯނާ ގުޅުމަށް އެ އިދާރާއިން އެދިފައިވެ އެވެ.

ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މި މަހުގެ 18 ވާ ބުދަ ދުވަހެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%