އުތުރަށް އިއްޔެ ކުރި ވިއްސާރައިގައި ކުޅުދުއްފުށި ސިޓީގެ 57 ގެއަކަށް ފެން ވަދެ ގެއްލުން ވެފައިވާކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.
އެންޑީއެމްއޭއިން މިއަދު އާންމުކުރި މަޢުލޫމާތުގައިވާގޮތުން ރާއްޖޭގެ އުތުރުގެ ސަރަޙައްދަށް ރޭ ކުރި ވިއްސާރައިގެ ސަބަބުން ކުޅުދުއްފުށި ހިމެނޭހެން އުތުރުގެ ހަތަރު ރަށަކަށް އެކި ވަރުގެ ގެއްލުން ވަނީ ވެފައެވެ. އެގޮތުން ކުޅުދުއްފުށީގެ 57 ގެއަކަށާއި، ހއ. ހޯރަފުށީގެ ދެ ގެއަކަށާއި އަދި ށ. ނޫމަރާއާއި އެ އަތޮޅު ފީވަށް، މިއިން ކޮންމެ ރަށަކުން ފަސް ގެއަކަށް ފެންވަދެ އެކި ވަރުގެ ގެއްލުން ވެފައިވާކަމަށް އެންޑީއެމްއޭއިން ބުންޏެވެ.
އެންޑީއެމްްއޭއިން ބުނީ ވިއްސާރައިގެ ސަބަބުން ލިބުނު ގެއްލުންތަކާ ގުޅިގެން ކުޅުދުއްފުށީގެ ފަސް ގެއަކުން މީހުންވެސް ބަދަލުކޮށްފައިވާ ކަމަށެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފައިވަނީ މާދަމާއިން ފެށިގެން ރާއްޖެ ސަރަޙައްދަށް މޫސުން ރަނގަޅުވާން ފަށާނެ ނަމަވެސް ކޮންމެވެސް ވަރަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށެވެ.



