ޒިމްބާބުވޭގެ ރައީސް އެމަރސަން އަނަންގާގްވާ ރިޔާސީ ފަސްއަހަރުގެ ދައުރު 2028 އަށް ހަމަވިޔަސް، 2030 އާއި ހަމައަށް އޭނާ އަށް މަގާމުގައި ދެމިހުރުމުގެ ފުރުސަތު ފަހިވާ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ޑްރާފްޓް ބިލެއް އެކުލަވާލައިފިއެވެ. މިއީ އޭނާގެ ކެބިނެޓުން އެކުލަވައިލި ބިލެކެވެ.
ޖަސްޓިސް މިނިސްޓަރު ޒިޔަމްބީ ވިދާޅުވީ މި ބިލުގެ ޑްރާފްޓް މަޖިލީހަށް ބަހުސް ކުރުމަށް ހުށަހެޅުމުގެ ކުރިން މިހަރު ވަނީ މަޖިލިހުގެ ރައީސް އަށް ފޮނުވާފައި ކަމަށެވެ. އެ ޤައުމުގެ ސަރުކާރުގެ ރަސްމީ ގެޒެޓުގައި ވެސް ޝާއިއު ކޮށްފައިވާ މި އިޞްލާޙް ފާސް ކުރުމަށް މަޖިލީހުގެ ތިންބައިކުޅަ ދެބައި ގެ އަޣުލަބިއްޔަތު ހޯދަން ޖެހޭނެއެވެ.
ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި ރިޔާސީ ދައުރު ފަސްއަހަރުން ހަތްއަހަރަށް އިތުރުކުރުމާއި، ރައީސް އިންތިޚާބުކުރާ ގޮތް ސީދާ އާންމު ވޯޓަކުން މަޖިލިސް ވޯޓަކަށް ބަދަލުކުރުމާއި، ރައީސަށް އިތުރު 10 ސެނެޓަރުން އައްޔަންކުރުމުގެ ހުއްދަ ދިނުމާއި، ސެނެޓްގެ ގޮނޑި 90 އަށް އިތުރުކުރުން ވެސް ހިމެނެއެވެ.
ރޮބަރޓް މުޤާބާގެ ވެރިކަން ވައްޓާލުމަށް ފަހު އެ ޤައުމުގައި ބޭއްވި ފުރަތަަމަ އިންތިޚާބަށް ފަހު މިހާތަނަށް ރިޔާސަތުގައި އެ ހުންނަވަނީ އެމަރސަން އަނަންގާގްވާއެވެ. އެއީ 2018 އިން ފެށިގެންނެވެ.










