މި އަހަރުގެ މެރިން އެކްސްޕޯ 2026 ގެ އޮފިޝަލް އިންޝުއަރެންސް ޕާޓްނަރެއްގެ ގޮތުގައި އެލައިޑް އިންޝުއަރެންސް ބައިވެރިވެއްޖެ އެވެ.
އެލައިޑުން އަންނަނީ މި އެކްސްޕޯގައި 2014 ވަނަ އަހަރުން ފެށިގެން އިންޝުއަރެސް ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވަމުންނެވެ. އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން މިއަހަރުވެސް އެލައިޑް އިޝުއަރެންސުން ވަނީ "މެރިން އެކްސްޕޯ 2026" ގައި އިންޝުއަރެސް ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވެފަ އެވެ.
އެލައިޑުން ބުނެފައިވަނީ އެކްސްޕޯގައި ބައިވެރިވުމުގެ މައިގަނޑު މަގުސަދަކީ ޑައިވް ސްކޫލްތަކާއި، ވޯޓާ ސްޕޯޓްސް ސެންޓަރުތަކާއި، އުޅަނދުފަހަރު ބަންނަ ފަރާތްތަކުގެ އިތުރުން މި ދާއިރާގެ އެކި ވިޔަފާރިތަކަށް ބޭނުންވާ އިންޝުއަރަންސް ޕްރޮޑަކްޓްތަކުގެ މައޫލޫމާތު އެފަރާތްތަކަށް ހިއްސާކުރުން ކަމަށެވެ. އަދި އެކަމުގެ މުހިންމުކަން އެ ފަރާތްތަކަށް އަންގައިދިނުން ކަމުގަ އެވެ. އޭގެ އިތުރުން އެލައިޑްގެ އިސްލާމިކް ވިންޑޯ، އެލައިޑް ތަކާފުލް ޕްލޭންތަކުގެ މައުލޫމާތުވެސް މިއެކްސްޕޯގައި ފޯރުކޮށްދީފައިވާނެ ކަމަށް އެކުންފުނިން ބުންޏެވެ.
މެރިން އެކްސްޕޯއާ ދިމާކޮށް އެލައިޑުން ވަނީ މެރިން ހަލް އިންޝުއަރަންސް ނުވަތަ މެރިން ހަލް ތަކާފުލް އަލަށް ނަގާ ފަރާތްތަކަށް އަމާޒުކޮށްގެން ހާއްސަ ޕްރޮމޯޝަނެއް ވެސް ހިންގާފަ އެވެ. ޕްރޮމޯޝަނުގެ ދަށުން ގުރުއަތުން ހޮވުނު ތިން ފަރާތަކަށް، 8,000 ރުފިޔާގެ ޑިސްކައުންޓް ވައުޗަރެއް ވަނީ ހަވާލުކުރެވިފަ އެވެ. މެރިން އެކްސްޕޯގައި ކުރިއަށް ދިޔަ މި ޕްރޮމޯޝަނުގެ ނަސީބުވެރިން ހޮވާފައިވަނީ، އެކްސްޕޯ ނިންމުމަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުނު ރަސްމިއްޔާތުގައި ކަމަށް އެލައިޑުން ބުންޏެވެ.
މިޕްރޮމޯޝަންގެ އިތުރުންވެސް އެލައިޑުގެ ސްޓޯލަށް ޒިޔާރަތްކޮށް، ސްޓޯލުގައި ކުރިއަށްގެންދެވުނު އިތުރު ހަރަކާތްތަކުގައި ބައިވެރިވި ފަރާތްތަކަށް އެލައިޑުން ވަނީ ހާއްސަ ހަދިޔާތަކެއްވެސް ދީފަ އެވެ. މިފަދަ އެކްސްޕޯތަކުގައި ބައިވެރިވުމުން، ކަސްޓަމަރުންނަށް ލުއިފަސޭހަކަމާއެކު އިންޝުއަރަންސްގެ ހިދުމަތްތައް ފޯރުކޮށްދިނުމުން އެ ކުންފުނިން ދެމުންގެންދާ އަހައްމިއްޔަތު ހާމަވެގެންދާ ކަމަށް އެލައިޑުން ވަނީ ބުނެފަ އެވެ.









