ޣައްޒާގެ ނަސްލު ނައްތާލުމަށް ހަނގުރާމަ ކުރަމުންދާ އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދިނުން ވަގުތުން ހުއްޓާލުމަށް ރާއްޖެއިން ގޮވާލައިފިއެވެ.
ރާއްޖެއިން މިގޮތަށް ގޮވާލީ އޮގަސްޓް 19 ވަނަ ދުވަހު ޖެނީވާގައި ފެށި ހަތިޔާރުގެ ވިޔަފާރީގެ މުއާހަދާގެ ބައިވެރިވާ ގައުމުތަކުގެ ކޮންފަރެންސްގެ 10 ވަނަ ބައްދަލުވުމުގައި އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ފަރާތުން ނެރުނު ބަޔާނުގައެވެ.
ރާއްޖޭގެ ފަރާތުން ކޮމަންވެލްތުގެ މައި މަރުކަޒުގެ ދާއިމީ މަންދޫބު ސަލްމާ ރަޝީދު ހުށަހެޅުއްވި މި ބަޔާނުގައި ވަނީ ހަތިޔާރުގެ ވިޔަފާރީގެ މުއާހަދާ ތަސްދީގުކޮށްފައިވާ އަދި ސޮއިކޮށްފައިވާ ގައުމުތަކުން އިސްރާއީލަށް ހަތިޔާރު ވިއްކުމާ ގުޅިގެން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
ސަފީރު ފާހަގަކުރެއްވި ގޮތުގައި މި ހަތިޔާރު ވިއްކުމަކީ އިސްރާއީލުން ހިނގަމުންދާ ލާއިންސާނީ އަމަލުތަކާއި ފަލަސްތީނުގެ ސަރަހައްދުތައް ގަވާއިދާ ހިލާފަށް ހިފެހެއްޓުމަށް މަގުފަހިވާ ކަމެއް ކަމަށާއި އެއީ ނަސްލު ނައްތާލުމުގެ އަމަލުތަކާ އެއްގޮތްވާ ކަމެއް ކަމަށެވެ.
އަދި އިސްރާއީލުން 'ނަސްލު ނައްތާލުމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމުގެ މުއާހަދާ' އާ ހިލާފުވެފައިވާ ކަމަށް ވެސް ޑރ.ސަލްމާ ވަނީ އަލިއަޅުވާލައްވާފަ އެވެ. އެކަމަނާ އިޝާރާތް ކުރެއްވީ ޖެނުއަރީ 26، 2024 ގައި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ފަލަސްތީނުގައި އިސްރާއީލުން ހިންގާ ލާއިންސާނީ އަމަލުތައް ވަގުތުން ހުއްޓުވުމަށް ގޮވާލާފައިވާ އަމުރެއްގެ އިތުރުން ޖުލައި 19، 2024 ގައި ނެރުނު އިބްތިދާއީ ލަފާއަކަށެވެ.



