ރާއްޖެ ސަރަޙައްދުގެ މޫސުން ދަނީ ރަނގަޅުވަމުން ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.
މެޓް އޮފިހުން ބުނީ ރާއްޖެ ސަރަޙައްދަށް މޫސުން ރަނގަޅުވަމުން އަންނަ ނަމަވެސް ކޮންމެވެސް މިންވަރަކަށް ކެރީގެ އަސަރު ފޯރުމަކީ އެކަށީގެންވާ ކަމެއް ކަަމަށެވެ. ނަމަވެސް ވައި ޖެހޭ މިންވަރު އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް މެޓް އޮފީހުން ބުންޏެވެ. އެގޮތުން އުތުރާއި މެދުރާއްޖެ ތެރެއަށް ހުޅަނގާއި ހުޅަނގު އުތުރުން 8 މޭލާއި 18 މޭލަށް ވައި ޖެހޭނެ ކަމަށާއި ދެކުނަށް 5 މޭލާއި 15 މޭލަށް ވައި ޖެހޭނެ ކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ބުންޏެވެ.
މެޓް އޮފީހުން ބުނީ އުތުރުގައި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި ނަމަވެސް ދެކުނުގައި އާދައިގެ ވަރަކަށް މަޑުވާނެ ކަމަށެވެ.
ރާއްޖެ ސަރަހައްދަށް ކުރަމުންދާ ވިއްސާރައިގައި އުތުރުގެ ރަށްތަކަށް މުސުން ގޯސްވެ އިއްޔެ ވަނީ އޮރެންޖް އެލާޓްވެސް ނެރެފައެވެ.
މެޓް އޮފީހުން ބުނީ ހުޅަނގު މުސުމުގެ ބާރުގަދަވެ، މިދިޔަ ހަފްތާގައި ރާއްޖެއަށް ކުރި ގަދަ ވިއްސާރައަށްފަހު މާދަމާއިން ފެށިގެން މޫސުން ރަނގަޅުވާން ފަށާނެ ކަމަށެވެ.
މިދިޔަ ހަފްތާގައި ރާއްޖެއަށް ކުރި ވިއްސާރައިގައި މާލެއާއި ރަށްރަށުގައި ފެންބޮޑުވެ އެކި ވަރުގެ ގެއްލުން ވަނީ ލިބިފައެވެ.



