އީވް ކްލިނިކުން އާސަންދައިގެ ޚިދުމަތް ހުއްޓާލާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރާ ވާހަކަތައް އާސަންދައިން ދޮގުކޮށްފިއެވެ.
އެކަމުގެ ހަޤީޤަތް ހާމަކޮށް އާސަންދައިން ބުނީ އެ ކުންފުނިން ވަނީ އީވް ކްލިނިކް ސަސްޕެންޑްކޮށްފައި ކަމަށެވެ. ނަމަވެސް ސަސްޕެންޑްކޮށްފައިވަނީ ކޮން ސަބަބަކާ ގުޅިގެން ކަމެއް އާސަންދައިން ހާމަކޮށްފައެއް ނުވެއެވެ.
އާސަންދައިން ދަނީ ސަސްޕެންޑްކުރާ ތަންތަނުގެ ލިސްޓު 2022 ވަނަ އަހަރުން ފެށިގެން އާންމުކުރަމުންނެވެ. އެ ލިސްޓުން ހާމަވާ ގޮތުން މިދިޔަ އަހަރުގެ ނިޔަލަށް 18 ތަނަކަށް ޚިދުމަތް މެދުކަނޑާލުމަށް ފަހު އަލުން ޚިދުމަތް ވަނީ ފަށާފައެވެ.
މި އަހަރުވެސް ހަ ތަނެއް ސަސްޕެންޑްކޮށްފައިވާއިރު މިވަގުތު ސަސްޕެންޑް ކޮށްފައި ވަނީ ޔޫރޯ މެޑިކަލް ކެއާ އާއި ސްޓެމް ސެންޓަރާއި އީވް ކްލިނިކެވެ.
އާސަންދަ ދޫކުރާ ލިސްޓުގައި ހިމެނޭ އިންޑިއާގެ މަނިޕާލް ހޮސްޕިޓަލަށްވެސް މީގެ ކުރިން އާސަންދަ މެދުކަނޑާލާފައިވާއިރު، އާސަންދައިން ބުނީ އެ ހޮސްޕިޓަލަށް އާސަންދަ ކަނޑާލާފައިވަނީ ހޮސްޕިޓަލުގެ އަގުތައް ބޮޑުކަމުން އަގުތަކާ މެދު އިތުރަށް މަޝްވަރާކުރުމަށް ކަމަށެވެ.



