ޣައްޒާގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ހުށަހެޅޭ އެއްވެސް ހުށަހެޅުމަކަށް އެއްބަސްވެވަޑައެއް ނުގަންނަވާނެ ކަމަށާއި، އެމެރިކާއިން ހުށަހަޅާފައިވާ ހުށަހެޅުމާމެދުވެސް ސުވާލު އުފެދިފައިވާ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ވިދާޅުވެއްޖެއެވެ.
ޚަބަެުތައް ބުނާ ގޮތުގައި ނަތަންޔާހޫ ވިދާޅުވީ "ވަގުތީ ހުއްޓުމަކަށް" އެކަނި އެއްބަސްވެވިދާނެ ކަމަށެވެ. އަދި ބައެއް ރަހީނުން ދޫކޮށްލުމަށް އެއްބަސްވުމަށް ތައްޔާރަށް ހުރި ކަމަށާއި، ވަގުތީ ހުއްޓުމަކަށްފަހު ހަނގުރާމަ އަލުން ފެށުމަށް އެއްބަސްވެފައިވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. ނަމަވެސް ހަމާސް ނައްތާލުމުގެ ލަނޑުދަނޑި ދޫކޮށްލުމަށް ތައްޔާރަށް ނެތް ކަމަށް ނަތަންޔާހޫ ވިދާޅުވިއެވެ.
ނަތަންޔާހޫ މިހެން ވިދާޅުވެފައި މިވަނީ އިޒްރޭލާއި ހަމާސްގެ މެދުގައި ޚިޔާލު ތަފާތުވުން އިތުރުވަމުންދާ ވަގުތެއްގައެވެ. މިކަމުގެ ސަބަބުން ހަނގުރާމަ ނިންމުމަށް މަސައްކަތްކުރާ މެދުވެރިންގެ މަސައްކަތަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމަށް ބެލެވެއެވެ.
ނަތަންޔާހޫގެ ބަސްފުޅުތައް އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ އެއްބަސްވުމުގެ އޮނިގަނޑާ ތަފާތުވުމުގެ ސަބަބުން އިޒްރޭލު-އެމެރިކާ ގުޅުން ގޯސްވުމުގެ ފުރުސަތު އޮތް ކަމަށް ވެސް މުހައްލިލުން ފާހަގަކުރެއެވެ.



