ސަރުކާރުން 10 ރިސޯޓު ތަރައްގީކޮށް، އެތަންތަނުން ލިބޭ ފައިދާ ރައްޔިތުންނަށް ދެނީ

މުހައްމަދު ޖަމްޝަތު | 3 ގަޑިއިރު ކުރިން - 5 ފެބްރުއަރީ 2026 15:21
ރާއްޖޭގެ ރިސޯޓެއް. ސަރުކާރުން 10 ރިސޯޓު ތަރައްގީކުރަން ނިންމާފައިވާކަން މިއަދު ވަނީ އިއުލާނުކޮށްފަ----
ރާއްޖޭގެ ރިސޯޓެއް. ސަރުކާރުން 10 ރިސޯޓު ތަރައްގީކުރަން ނިންމާފައިވާކަން މިއަދު ވަނީ އިއުލާނުކޮށްފަ----
ޚުލާސާ

އެ ރިސޯޓުތައް ކުރިއަށް އޮތް 3 އަހަރު ތެރޭގައި ތަރައްގީކުރަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި

ސަރުކާރުގެ ކުންފުންޏެއް މެދުވެރިކޮށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި މަދުވެގެން 10 ރިސޯޓު ތަރައްގީކޮށް، އެތަންތަނުން ލިބޭ ފައިދާގެ ބޮޑު ބައެއް ދިވެހި ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް ޑޮލަރުން ޖަމާކޮށް ދިނުމަށް ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާން ކުރައްވައިފި އެވެ.

ރައީސް މިކަން އިއުލާން ކުރެއްވީ މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް 50 އަހަރު ފުރިގެންދިޔައިރު ވެސް، ގުދުރަތީ މި ވަސީލަތްތަކުން ލިބޭ މަންފާ ދިވެހި ރައްޔިތުންނަށް ސީދާ ގޮތެއްގައި ލިބޭނެ ނިޒާމެއް ގާއިމުވެފައި ނެތް ކަމަށެވެ. އެހެންކަމުން، މި ގުދުރަތީ އެސެޓުތަކުގެ ހަގީގީ ވެރިން ކަމުގައިވާ ދިވެހި ރައްޔިތުންނަށް ސީދާ އާމްދަނީ ލިބޭނެ މަގެއް ފަހިކޮށްދިނުމަކީ އެންމެ އަދުލުވެރި ގޮތް ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ 10 ރިސޯޓުގެ ހިއްސާދާރުންނަކީ ދިވެހިން ކަމަށް ގާނޫނުން ކަނޑައަޅާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި 2030 ވަނަ އަހަރުން ފެށިގެން ކޮންމެ ދިވެއްސެއްގެ ބޭންކު އެކައުންޓަށް އަހަރަކު އެއްފަހަރު ބޭރު ފައިސާއިން ފައިދާ ޖަމާކުރަން ފަށާނެ އެވެ.

"ހިސާބު ހަދާލާއިރު ކޮންމެ ރައްޔިތެއްގެ އެކައުންޓަށް އިރާދަކުރެއްވިއްޔާ އަހަރަކު މަދުވެގެން 400 ޑޮލަރު ޖަމާވެގެންދާނެ. މިސާލަކަށް ފަސް މެމްބަރުންގެ އާއިލާއެއް ނަމަ... އެ އާއިލާއަކަށް މަދުވެގެން 2،000 އެމެރިކާ ޑޮލަރު ލިބިގެންދާނެ،" ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ އިގުތިސޯދީ ހާލަތަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އެމްއެމްއޭގެ ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު ޓޫރިޒަމް ސިނާއަތުން 5.5 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާ ކަމަށެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 13 އިންސައްތައިގެ ކުރިއެރުމެކެވެ. މި އަހަރުގެ އަމާޒަކީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 2.5 މިލިއަނަށް އިތުރުކޮށް، އާމްދަނީ 17 އިންސައްތައަށް ކުރިއެރުވުމެވެ.

މި އާ މަޝްރޫއުގެ ސަބަބުން ރިސޯޓު ވިޔަފާރީގެ ފައިދާގައި އެއްވެސް ރައްޔިތަކު ބާކީނުވެ ބައިވެރިވެވޭނެ ކަމަށާއި، މިއީ ދިވެހިންގެ އިގުތިސޯދީ ތަނަވަސްކަމަށް އެޅޭ މުހިއްމު ފިޔަވަޅެއްގެ ގޮތުގައި ރައީސް މުއިއްޒު ފާހަގަކުރެއްވި އެވެ.


Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%