އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް.އެޗް)ގެ ސިރިއަސް މައްސަލަތަކެއް ފެންމަތިވެއްޖެ އެވެ.
އޭގެތެރޭގައި ކޮވިޑް-19 ދުވަސްވަރު ޕީ.ސީ.އާރު ޓެސްޓުތަކަށް ބޭނުންކުރި "ރީއެޖެންޓްސް" އާ ގުޅޭ ކޮރަޕްޝަން މައްސަލައެއް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބެލުމަށްފަހު، ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަމަށް އޭސީސީ އިން މިއަދު ބަޔާނެއް ނެރެފިއެވެ. .
އަދި މީގެ އިތުރުން ކުރި ސަރުކާރުން އުފެއްދި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ގެ ވެރިޔަކަށް ހުންނެވި ޑރ. އަލީ އަބްދުﷲ ލަތީފުގެ މައްސަލަތަކެއް ފުލުހަށާއި މީރާއަށް ފޮނުވައިފި އެވެ.
މި މައްސަލައިގައި އައި.ޖީ.އެމް.އެޗްގެ ކުރީގެ 3 އިސްވެރިންގެ މައްޗަށް ދަޢުވާކުރުމަށް ހުށަހަޅާފައިވެއެވެ. އެއީ ކުރީގެ ޕްރޮކިއުމަންޓް ކޮމެޓީގެ ޗެއަރ ޑރ. އަޙްމަދު ލަތީފް، ކުރީގެ ސީއީއޯ އިބްރާހިމް ސަލީމް އަދި ކުރީގެ ލެބޯޓަރީ ހެޑް ޑރ. މިލްޒާ ޢަބްދުލްމުޙްސިންއެވެ.
މި ފަރާތްތަކުގެ މައްޗަށް ދަޢުވާކުރަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގައެވެ. މި މައްސަލައިގައި އަމިއްލަ މަސްލަހަތު އޮތް ފަރާތެއް ކަމަށްވާ އާރ.އެމް.އެލް.އެސް ލެބް ސާވިސަސްއަށް ނާޖާއިޒު މަންފާ ހޯދައިދިނުމުގެ ތުހުމަތު ހިމެނެއެވެ.
މީގެ އިތުރުން، ޑރ. އަލީ އަބްދުﷲ ލަތީފް އަދި އާރ.އެމް.އެލް.އެސް ލޭބް ސާވިސްއާ ގުޅޭ މަނީލޯންޑަރިންގ މައްސަލައެއް ބެލުމަށް ފުލުހުންނަށް ފޮނުވާފައިވާ ކަމަށް އޭސީސީން މަޢުލޫމާތު ދީފައިވެއެވެ. އަދި ޑރ. ލަތީފްގެ ޓެކްސް ލިޔެކިޔުންތަކުގައި މަކަރުހެދުމުގެ ތުހުމަތު ބެލުމަށް މީރާއަށް މައްސަލަ ހުށަހަޅާފައިވެއެވެ.
އޭސީސީން އިތުރަށް ބުނެފައިވަނީ ޑރ. ލަތީފް އަދި ޑރ. މިލްޒާ އަބްދުލްމުހްސިނާއާ ގުޅޭ މައްސަލަ މޯލްޑިވްސް މެޑިކަލް ކައުންސިލްގެ ސަމާލުކަމަށް ގެނެސް، ފިޔަވަޅު އެޅުމަށް އަންގާފައިވާ ކަމަށެވެ.
މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ މައްޗަށް ދަޢުވާކުރުމާމެދު ގޮތެއް ނިންމާނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުންނެވެ.



