އެލައިޑް އިންޝުއަރަންސް ކުންފުންޏަށް 41 އަހަރުފުރުން ފާހަގަކޮށްފި އެވެ.
އެލައިޑަށް 41 އަހަރު ފުރުމުގެ ގޮތުން ހާއްސަ "ކޮމްޕްރިހެންސިވް މޮޓޯ އިންޝުއަރަންސް" ޕްރޮމޯޝަނެއްވެސް އިއުލާންކޮށްފަ އެވެ. މިޕްރޮމޯޝަންގައި 25 އިންސައްތައިގެ ހާއްސަ ޑިސްކައުންޓެއް އޮންލައިންކޮށް މޮޓޯ ކޮންމްޕްރިހެންސިވް ނަންގަވާ ބޭފުޅުންނަށް ލިބިލައްވާނެ އެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން މިމަހުގެ 15 އިގެ ނިޔަލަށް، ޕޮލިސީ ނަންގަވާ ފުރަތަމަ 41 ބޭފުޅުންނަށެވެ. މީގެ ތެރޭގައި އެލައިޑް ތަކާފުލްގެ ޕްލޭންތައް ވެސް ހިމެނެ އެވެ.
އަަހަރީ ދުވަސް ފާހަގަކުރަން ބޭއްވި މުނާސަބަތުގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ ކެމްޕޭން "ރައްކާ 2026" ކުރިއަށް ގެންދިއުމަށްޓަކައި އެލައިޑާއި މޯލްޑިވްސް ޕޮލިސް ސާވިސްއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކުރުމެވެ. މި އެއްބަސްވުމުގައި އެލައިޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހުސައިން ލުވައިޒެވެ. އަދި މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން ސޮއިކުރެއްވީ ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީނެވެ.
އަދި ކުންފުނީގެ 41 ވަނަ އަހަރީ ދުވަހާ ގުޅިގެން، ކުންފުނީގެ އަސްލު ނުގެއްލޭނޭހެން ކުންފުނީގެ ލޯގޯ އަދި އެލައިޑް އިސްލާމިކް ވިންޑޯ، އެލައިޑް ތަކާފުލްގެ ލޯގޯއަށް ގެނެވުނު ބަދަލު މިއަދު މިވަނީ ރަސްމީކޮށްވަނީ ދައްކާލާފަ އެވެ.
މި މުނާސަބަތުގައި، 2025 ވަނަ އަހަރު ކުންފުނިން ހޯދި ބޮޑެތި ކާމިޔާބީތަކަށް އަލިއަޅުވާލައި، 2026 ވަނަ އަހަރަށް ކުންފުނިން ކަނޑައަޅާފައިވާ ކަންތައްތައް ވަނީ ހިއްސާކޮށްފަ އެވެ.
ނިމިދިޔަ 2025 އަކީ އެލައިޑްގެ ހިދުމަތަށް 40 އަހަރު ފުރުނު އަހަރެވެ. 2025 ގައި ކުންފުނިން ވަނީ މުޖުތަމައަށް ފައިދާހުރި، ދެމެހެއްޓެނިވި އަދި ކޯޕަރޭޓް ޕާޓްނާޝިޕްގެ އެކި ހަރަކާތްތައް ކާމިޔާބުކަމާއެކު ހިންގާފަ އެވެ. ފާހަގަ ކޮށްލެވޭ ބައެއް ހަރަކާތްތަކުގެ ތެރޭގައި، ކަނޑުތަކުގެ ދިރުންތައް ހިމާޔަތްކުރުމަށް ހިންގި "ޑައިވް 40" އިނީޝިއޭޓިވް އާއި، މޯލްޑިވްސް ޕޮލިސް ސާވިސްއާ ގުޅިގެން ކުރިއަށް ގެންދިޔަ "ރައްކާ" މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ ކެމްޕޭން ހިމެނެ އެވެ. މީގެ އިތުރުން، މާލީ ހޭލުންތެރިކަން އިތުރުކުރުމަށާއި ފެމިލީ ތަކާފުލް ޕްލޭންތަކަށް އާންމުން އަހުލުވެރިކުރުވުމަށް ރާއްޖޭގެ ބޮޑެތި ސިޓީތަކުގައި "އެލައިޑް ފެސްޓް 2025" ގެ ސިލްސިލާ ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އަދި މުޖުތަމައުގެ ދުޅަހެޔޮކަމަށް ބާރުއެޅުމުގެ ގޮތުން "އެލައިޑް ބައިސްކަލު ރޭސް" ވެސް ވަނީ ބާއްވާފަ އެވެ.
މިދިޔަ އަހަރުގެ ތެރޭގައި އެލައިޑުން ވަނީ ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގެ އެކި ކޯޕަރޭޓް ޕްލެޓްފޯމްތަކާއި ގުޅިގެން ކުންފުނީގެ ދައުރު އިތުރަށް ފުޅާކޮށްފަ އެވެ. މީގެ ތެރޭގައި ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސާޓާ)، ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީ.ޓީ.އެމް)، ބިޒްވީކް، ސީ.އީ.އޯ ސަމިޓް، މޯލްޑިވްސް ޓެކްސް ފޯރަމް، މެރިން އިންޑަސްޓްރީ ފޯރަމް، މޯލްޑިވްސް ކޮންސްޓްރަކްޝަން އިންޑަސްޓްރީ ފޯރަމް، މޯލްޑިވްސް މެރިން އެކްސްޕޯ އަދި މޯލްޑިވްސް ލިވިން އެކްސްޕޯ ފަދަ ޕްލެޓްފޯމްތައް ހިމެނެ އެވެ.
އެލައިޑަށް 41 އަހަރު ފުރުން ފާހަގަކޮށް، މި އަހަރުގެ ރައްކާ ޕްރޮގްރާމު ހިންގުމުގެ އެއްބަސްވުން ބަދަލުކުރުން---ފޮޓޯ:ޚުލާސާ
2025 ވަނަ އަހަރު އެލައިޑުން ވަނީ ތާރީހީ ކާމިޔާބީއެއް ހާސިލުކޮށްފަ އެވެ. އޭގެ ކުރީ އަހަރާ އަޅާބަލާއިރު އާމްދަނީއަށް ވަނީ ފާހަގަކޮށްލެވޭ ވަރުގެ ކުރިއެރުމެއް ލިބިފަ އެވެ. މީގެ އިތުރުން، މާކެޓްގެ ރަނގަޅު އިންސައްތަ އެއްވެސް ވަނީ ހާސިލްކުރެވިފަ އެވެ.
އަދި މީގެ އިތުރުންވެސް، 2025 ވަނަ އަހަރު، އެލައިޑްގެ އިސްލާމިކް ވިންޑޯއަށް 10 އަހަރު ފުރުނު މުނާސަބަތާ ގުޅުވައި، "އަޔާދީ ތަކާފުލް" ގެ ނަން ވަނީ "އެލައިޑް ތަކާފުލް" އަށް ބަދަލުކޮށް ރީބްރޭންޑް ކޮށްފަ އެވެ. މީގެ އިތުރުން، އިސްލާމިކް ފައިނޭންސް ފޯރަމް އޮފް ސައުތް އޭޝިއާ (އިފްސާ) އެވޯޑްސްގައި، ފާއިތުވި ދިހަ އަހަރުގެ (2016-2025) އެންމެ ފާހަގަކޮށްލެވޭ ތަކާފުލް ވިންޑޯގެ ޝަރަފުވެރި ލަގަބު އެލައިޑް ތަކާފުލްއަށް ވަނީ ލިބިފަ އެވެ. އަދި ގްލޯބަލް އިސްލާމިކް ފައިނޭންސް އެވޯޑްސް (ޖިފާ) އިން ދޭ ޖިފާ އެކްސެލެންސް އެވޯޑް (ތަކާފުލް) 2025 ވެސް ވަނީ ލިބިފަ އެވެ.
2026 ވަނަ އަހަރު ކުންފުނީގެ ހިދުމަތްތައް ތަރައްގީކުރުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރިއަށްގެންދެވޭނެ ކަމަށް އެލައިޑުން ބުންޏެވެ. އަދި ހަމަމިއާއެކު، އެލައިޑުން މަސައްކަތް ކުރަމުންދާނީ މާލީގޮތުން ފުއްދުންތެރިކަން ލިބިފައިވާ 'އޭ-ރޭޓެޑް' ރީ-އިންޝުއަރަންސް ކުންފުނިތަކާއިއެކުގަ އެވެ.
އެލައިޑުން ބުނި ގޮތުގައި ކަސްޓަމަރުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި ރާއްޖޭގެ އެންމެ އިތުބާރުހުރި އިންޝުއަރަންސް އަދި ތަކާފުލް ހިދުމަތްދޭ ކުންފުނީގެ ގޮތުގައި އެލައިޑުން އަދާކުރާ ދައުރު 2026 ވަނަ އަހަރުވެސް އިތުރަށް ވަރުގަދަ ކުރެވިގެންދާނެ އެވެ. އަދި ހަމަމިއާއެކު، އަމިއްލަ ފަރުދުންނާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ވެސް ހާއްސަކޮށްގެން ފަރުމާކުރެވޭ އިންޝުއަރަންސް އަދި ތަކާފުލް ޕްލޭންތަކަށް ހާއްސަ އިސްކަމެއް ދެވޭނެ އެވެ. މީގެ އިތުރުން، ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، މަސައްކަތްތައް ހަލުވިކޮށް، ކަސްޓަމަރުންނަށް ފަހި ތަޖުރިބާއެއް ފޯރުކޮށްދިނުމަށް ވެސް މަސައްކަތް ކުރެވޭނެ އެވެ.
ހަމައެއާއެކު، 2026 ވަނަ އަހަރު ވެސް މުހިންމު ކޯޕަރޭޓް ޕާޓްނަރޝިޕްތަކާއި، ކޯޕަރޭޓް ޕްލެޓްފޯމް ތަކުގައި ކުންފުނީގެ ބައިވެރިވުން އިތުރުކުރުމަށް އެލައިޑުން އިސްކަންދޭނެއެވެ. އަދި 2026 ވަނަ އަހަރު މުޖުތަމައަށް އަމާޒުކޮށްގެން ހިންގާ ހަރަކާތްތަކުގައި ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދޭނީ ދުޅަހެޔޮކަމާއި ސިއްހަތާ ގުޅުންހުރި ކަންކަމަށެވެ.



