ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަން ކަމުގެ މަގާމުން ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު އިނާޒް އިސްތިއުފާ ދެއްވައިފި އެވެ.
މަގާމުން އިސްތިއުފާ ދެއްވިކަން ހާމަކުރައްވަމުން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އިނާޒް ވިދާޅުވީ، ދިވެހި ދައުލަތުގެ މާލީ ހާލަތު ކަންބޮޑުވާ މިންވަރަކަށް ދަށަށް ދާ ދަނޑިވަޅެއްގައި ސަރުކާރުން ހުށަހަޅާފައިވާ 2.4 ބިލިއަން ބޮންޑުގެ މައްސަލާގައި ގިނަގުނަ މަޝްވަރާތަކުން ވެސް ދެމެހެއްޓެނިވި ހައްލެއް ހޯދުނުކަމަށް އޭނާ ގަބޫލު ނުކުރައްވާ ކަމަށެވެ.
އިނާޒު ވިދާޅުވީ، އެ މަގާމުން އޭނާ އިސްތިއުފާ ދެއްވަން ނިންމެވީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މި މުއާމަލާތަށް ފައިސާ ހޯދުމަކީ އިގްތިސާދަށް މި ހާލަތުގައި ގެއްލުން ބޮޑު ނިންމުމެއް ކަމަށް ޓެކްނިކަލީ ގަބޫލުކުރެވޭތީ ކަމަށެވެ.
"އަޅުގަނޑުގެ ދުއާއަކީ ދައުލަތުގެ މާލީކަންކަން މިއަދަށް ވުރެ ހަރުދަނާވެ ދުރު ވިސްނުމުގެ ސިޔާސަތުތަކަކުން އިސްލާހުވެގެން ދިއުން އަދި ދަރަނީގެ އަނދަވަޅުން ދިވެހިރާއްޖޭގެ އިގްތިސާދު އަރައިގަނެ، ރާއްޖެ ދެމެހެއްޓެނިވި އުފެއްދުންތެރި ތަރައްގީގެ މަގަކަށް ރުޖޫއަވުން" --- އެކްސްގައި ހިއްސާކުރެއްވި ޕޯސްޓުގައި އިނާޒު ވިދާޅުވި އެވެ.
ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަން ކަމުގެ މަގާމުން އިނާޒް އިސްތިއުފާ ދެއްވީ އިއްޔެގެ ވަގުތެއްގަ އެވެ.



