ދުނިޔޭގެ އެންމެ ދުވަސްވީ އިންސާނާގެ ގޮތުގައި ރެކޯޑު ކުރެވިފައިވާ، 117 އަހަރުގެ މަރިއާ ބްރަންޔަސް މޮރޭރާ މަރުވެއްޖެއެވެ. ސްޕެއިންއަށް ނިސްބަތްވާ މި އަންހެންމީހާ މަރުވީ "އަމާންކަމާއެކު އަދި ވޭނެއް ނެތި" ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.
މަރިއާއަށް ދުނިޔޭގެ އެންމެ ދުވަސްވީ ދިރިހުރި މީހާގެ މަޤާމު ލިބުނީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހު، ފްރާންސްގެ ލުސީލް ރަންޑޮން 118 އަހަރުގެ އުމުރުގައި މަރުވުމާއި ގުޅިގެންނެވެ. މަރިއާއަކީ ދެ ބޮޑު ހަނގުރާމައާއި ދެ ބަލިމަޑުކަމެއް ދެކެފައިވާ ބޭކަނބަލެކެވެ.
ސޯޝަލް މީޑިއާއަށް ވަރަށް ގަޔާވާ މަރިއާ ހަފްތާއަކު އެއްފަހަރު އެކްސްގައި އަޕްޑޭޓްތައް ހިއްސާކުރެއެވެ.
އޭނާގެ ފަހު މެސެޖުގައި، އޭނާ "ބަލިކަށިވެފައިވާ" ކަމަށާއި "ވަގުތު ކައިރިވެފައިވާ" ކަމަށް ބުނެފައިވެއެވެ. އަދި އޭނާ އެދުނީ އޭނާއަށްޓަކައި ދެރަނުވުމަށާއި، އޭނާ ދާ ކޮންމެ ތަނެއްގައި އުފަލުގައި ހުންނާނެކަމަށެވެ.



