އެމެރިކާގެ އަސްކަރީ ޑެސްޓްރޯޔަރ ޔޫއެސްއެސް ޑެލްބަރޓް ޑީ ބްލެކް އިއްޔެ އިސްރާއީލުގެ ދެކުނުގައިވާ އީލާތުގައި ބަނދަރު ކޮށްފިއެވެ.
މި އުޅަނދަކީ އެއްގަމާއި ކަނޑުގެ ދުރު ހިސާބުތަކަށް ޙަމަލާ ދީ އަދި ޑިފެންސް ވެސް ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ އެމެރިކާގެ އެންމެ މަތީ ފެންވަރުގެ އަސްކަރީ މަނަވަރެކެވެ. މަތިންދާބޯޓުތަކާއި ބެލިސްޓިކް މިސައިލްތަކާއި ކްރޫޒް މިސައިލްތައް ޓްރެކްކޮށް އަދި އަމާޒުން ކައްސުވާލުމުގެ ޤާބިލްކަން ލިބިފައިވާ މަނަވަރެކެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ މި ދަތުރަކީ އިސްރާއީލާއި އެމެރިކާ ސިފައިންގެ މެދުގައި ކުރިއަށްދާ ކޯޑިނޭޝަންގެ ބައެއް ކަމަށެވެ.
މި އުޅަނދު ބަނދަރުކުރި ވަގުތަކީ އީރާނާއި ދިމާލަށް ވަރުގަދަ ހަތިޔާރާއި އެކު އެމެރިކާގެ މަނަވަރެއް ދާނެ ކަމަށް ބުނެ ޓްރަމްޕް އިންޒާރު ދީފައިވާ ދަނޑިވަޅެއްގައެވެ.
އީރާނުން ބުނެފައި ވަނީ އެމެރިކާގެ ކޮންމެ ހަމަލާއަކަށް ހީނުކުރާ ވަރުގެ ރައްދެއް ދޭނެ ކަމަށެވެ.









