އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވޭތުވެދިޔަ 9 މަސްދުވަހުގެ ތެރޭގައި ނަފްސާނީ އެހީތެރިކަމާއި ސައިކޯސޯޝަލް އެއްބާރުލުން ފޯރުކޮށްދިނުމާއި ޢާއިލާތަކުގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި 431 ސެޝަން ބާއްވައިފިއެވެ.
އެ ވުޒާރާގެ ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި 139 ކްލައިންޓުންނަށް ވަނީ މި ވޭތުކުރި މުއްދަތުގައި ޚިދުމަތް ފޯރުކޮށްދީފައެވެ.
އެގޮތުން،ނަފްސާނީ އެހީތެރިކަމާއި ސައިކޯސޯޝަލް އެއްބާރުލުން ފޯރުކޮށްދިނުމާއި ޢާއިލާތަކުގެ ދުޅަހެޔޮކަން ކަށަވަރުކުރުންކަމަށް ހާއްސަ އިސްކަމެއް ދެވާފައިވާކަން ވުޒާރާއިން ބުނެއެވެ.
ވުޒާރާއިން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މި މުއްދަތުގެ ތެރޭގައި ޖުމްލަ 431 ސެޝަން ނަގާފައިވާއިރު، މީގެ ތެރޭގައި 275 ކައުންސެލިންގ ސެޝަން ހިމެނެއެވެ. މި ޚިދުމަތް ލިބިގަތް ފަރާތްތަކުގެ ތެރޭގައި 215 އަންހެނުންނާއި 60 ފިރިހެނުން ހިމެނެއެވެ.
މީގެ އިތުރުން، 82 ޕޭރެންޓިންގ ސެޝަނާއި 25 ސައިކޯސޯޝަލް ސަޕޯޓް ސެޝަން ހިންގާފައިވާއިރު، 32 ގޭގެއަށް ޒިޔާރަތްކޮށް ސައިކޯސޯޝަލް ސަޕޯޓް ފޯރުކޮށްދީފައިވެއެވެ. އަދި އަތޮޅުތެރޭގެ 17 ކޭހަކަށް އެޓެންޑްކޮށް، 19 ތަމްރީނު ޕްރޮގްރާމް ހިންގާފައިވާކަމަށް ވުޒާރާއިން ބުނެއެވެ.
ވުޒާރާއިން އިތުރަށް ހާމަކުރި ގޮތުގައި، މާލެ ސަރަހައްދާއި އަތޮޅުތެރެއިން ހުށަހެޅޭ ކޭސްތަކުގައި މަސައްކަތްކުރަމުންދާކަމަށް ބުނެއެވެ. މި ޚިދުމަތްތަކަކީ ޢާއިލާތަކުގެ ދުޅަހެޔޮކަމާއި މުޖުތަމަޢުގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މަސައްކަތްތަކެކެވެ.



