މިއަހަރުގެ ފަނޑިޔާރުންގެ މަހާސިންތާ މިއަދު ފަށައިފި އެވެ.
ފަނޑިޔާރުންގެ މަހާސިންތާއަކީ، ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ޖުޑީޝަލް އެކަޑަމީން އިންތިޒާމު ކޮށްގެން ކޮންމެ އަހަރަކުވެސް ކޯޓުތަކުގެ ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމަށް ބޭނުންވާ ހިޔާލާއި މަޝްވަރާ ހޯދުމަށް ބާއްވަމުންދާ މަހާސިންތާއެކެވެ.
ދެދުވަހުގެ މުއްދަތަށް ވިލާ ނޯޓިކާ ރިސޯޓުގައި ކުރިއަށް ގެންދާ ފަނޑިޔާރުންގެ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގެ ޝަރަފުވެރިކޮށްދެއްވީ، އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ. މި ރަސްމިއްޔާތުގައި ޖުޑީޝަލްސް ސާވިސް ކޮމިޝަންގެ ރައީސް ހުސްނީ މުބާރިކާއި، އެކޮމިޝަނުގެ މެންބަރުންނާއި، ރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުންނާއި، ސަރުކާރުގެ އިސް އޮފިޝަލުން ހިމެނޭޙެން ގިނަ ފަރާތްތަކުން ބައިވެރިވެ ވަޑައިގެންނެވި އެވެ.
މިއަހަރުގެ ފަނޑިޔާރުންގެ މަހާސިންތާގެ ތީމަކީ، ފަންނިޔާތާއި އޭއައި ބޭނުންކޮށްގެން ޝަރުއީ ދާއިރާގެ ހިންގުން ހަރުދަނާ ކުރުމެވެ. މަހާސިންތާގެ ތެރެއިން ޝަރުއީ ދާއިރާގައި މިހާރު ފަންނިޔާތު ބޭނުންކުރާ މިންވަރު ދެނެގަނެ، ކުރިމަގުގެ އަމާޒުތައް ކަނޑައެޅުމަށް މަސައްކަތް ކުރާނެ ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މައުލޫމާތުދެ އެވެ.
ފަނޑިޔާރުންގެ މަހާސިންތާގެ ފުރަތަމަ ދުވަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، ޝަރުއީ ދާއިރާގައި އޭއައި އަދި ޓެކްނޮލޮޖީ ބޭނުން ކުރުމާއި ގުޅޭ ސެޝަންތަކެކެވެ. އަދި ދެވަނަ ދުވަހު މިދާއިރާއަށް ހުރި ގޮންޖެހުންތަކަށް ހައްލެއް ގެނައުމާއި ގުޅޭ ސެޝަންތަކެއް ކުރިއަށް ގެންދާނެ އެވެ. މީގެ އިތުރުން މެޖިސްޓްރޭޓް ކޯޓުތަކާއި ގުޅޭ ގަވާއިދަށް މަޝްވަރާ ހޯދުމަށް މި މަހާސިންތާގެ ތެރެއިން ކުރިއަށް ގެންދާނެ ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުންޏެވެ.
މިމަހާސިންތާގައި ކީ ނޯޓް ސްޕީކަރެއްގެ ގޮތުގައި ޕްރޮފެސަރު ޑރ. ހަސަން އުގެއިލް ބައިވެރިވެ ވަޑައިގެން މައުލޫމާތު ދެއްވި އެވެ. މީގެ އިތުރުން އިންޑިއާގެ ޖުޑީޝަލް އެކަޑަމީގެ ފެސިލިޓޭޓަރުންވެސް މަހާސިންތާގެ ތެރެއިން ސެޝަން ނަންގަވައި ދެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
ފަޑިޔާރުންގެ މަހާސިންތާއަކީ، ކޯޓުތަކުގެ އިދާރީ ހިންގުން ހަރުދަނާ ކުރުމަށް 2016ވަނަ އަހަރުން ފެށިގެން ސިލްސިލާކޮށް ބާއްވަމުން އަންނަ މަހާސިންތާއެކެވެ. މިއަހަރުގެ މަހާސިންތާގައި ޝަރުއީ ދާއިރާގެ އެކި އިދާރާތައް ތަމްސީލް ކުރައްވާ 100 އަށްވުރެ ގިނަ ފަރާތްތައް ބައިވެރިވެ އެވެ.



